28 Oct 2021, 15:16
މާލޭގައި މިހާރު ފެތުރެމުންދާ ރޯގާ ޖެހި، ހާލު ސީރިއަސްވެފައިވާ ހަ ކުދިން މިހާރު އައިސީޔޫގައި އެބަތިބި ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޑރ. ފައިސަލް މިހެން ވިދާޅުވީ މިދިޔަ ހަތަރު ވަރަކަށް މަސް ތެރޭގައި މާލޭގައި ރޯގާ ފެތުރުން ގިނަވެފައި ވަނިކޮށެވެ.
ފާއިތުވި ދެހަފްތާ ތެރޭގައި, ކޮންމެ ދުވަހަކު 100އެއްހާ މީހުން ރޯގާޖެހިގެން އައިޖީއެއްއެޗްގެ ފްލޫ ކްލިނިކަށް ދައްކާކަމަށް އެ ހޮސްޕިޓަލުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މާލެ ސަރަހައްދުގައި ވައިރަލް ހުމާއި ރޯގާ ފެތުރުން އިތުރުވުމުގެ ސަބަބުން އައިޖީއެމްއެޗުގައި ފްލޫ ކްލިނިކެއް ހުޅުވާފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.
އެގޮތުން މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް އެ ހޮސްޕިޓަލުގެ ފްލޫ ކްލިނިކަށް ދައްކާ މީހުންގެ އަދަދު އުޅެނީ 90އާ 140އާ ދެމެދުގައެވެ.
އޭގެ ތެރެއިން ގިނަ މީހުންނަކީ ދިވެހިން ކަމަށް އެ ތަފާސް ހިސާބުން ދައްކައެވެ. އެ ކްލިނިކަށް ދުވާލަކަށް ދައްކާ ބިދޭސީންގެ އަދަދު އުޅެނީ ތިނެކާއި ފަހެކާ ދެމެދުގައެެވެ.
ޑރ ފައިސަލް ވިދާޅުވީ ތުއްތު ކުދިންނާއި އެހެނިހެން ބަލިތައް ހުންނަ މީހުންނަށް ރޯގާއިން ބޮޑުވަރު ވާކަމަށެވެ. އަދި ރޯގާއިން ރައްކާތެރިވެވެންހުރި ކަންތައްތަކަށް ސަމާލު ވުމަށާއި ގެއަށް ރޯގާ ވަދެފާނެގޮތްތައް ކުޑަ ކުރުމަށް ޑރ. ފައިސަލް ވަނީ އިލްތިމާސް ކުރައްވާފައެވެ.
އެގޮތުން އަތްދޮވުމާއި ތުއްތުކުދިން ކައިރިއަށް، ގޭގައި ދިރިއުޅޭ މީހުން ނޫން އެހެން މީހުން ދިޔުން މަދު ކުރުމާއި މީހުން އެއްވާތަންތަނަށް ނުދިއުމަށް ޑރ. ފައިސަލް އިރުޝާދު ދެއްވިއެވެ.
މިދިޔަ މަހު އެޗްޕީއޭއިން ވަނީ، މާލެ ސަރަހައްދުގައި ވޭތުވެދިޔާ ތިން މަސް ތެރޭގައި ވައިރަލް ހުމާއި ރޯގާ ފެތުރުން ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ބުނެފައެވެ.
މާލެ ސަރަހައްދުގައި ވައިރަލް ހުމާއި ރޯގާ ފެތުރުން އިތުރުވުމުގެ ސަބަބުން އޭޑީކޭއިން ވެސް ވަނީ ފްލޫ ކްލިނިކެއް ހުޅުވާފައެވެ.
ކޮންމެ ދުވަހަކު ހަވީރު 04:00 އިން ފެށިގެން ރޭގަނޑު 10:00 އަށް ހުޅުވާ އޭޑީކޭގެ ހުމުގެ ޖެނެރަލް އޯޕީޑީ ހުންނާނީ އެ ހޮސްޕިޓަލުގެ އެތެރޭގައެވެ. އަދި ކޮންމެ ދުވަހަކު ހެނދުނު 08:30 އިން ފެށިގެން ރޭގަނޑު 10:00ށް ހުޅުވާ އައިޖިއެމްއެޗްގެ ފްލޫ ކްލިނިކް ހުންނަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ އިމާރާތުގައެވެ.