01 Mar 2012, 20:00
މާލެ ތެރޭގައި ބައެއް ސަރަހައްދުތަކުގައި މިއަދު އެމްޑީޕީން ކުރަމުން ދިޔަ މުޒާހަރާތައް ކޮންޓްރޯލްކުރަމުން ދިޔަ ފުލުހުންގެ ތެރެއަސް އެއްވެ ތިބި ބައެއް މީހުން ގަލާއި ދަނޑިބުރިފަދަ ތަކެތި އުކުމުގެ ސަބަބުން ބޯފަޅައިގެން ގޮސް ސީރިއަސް އަނިޔާތަކެއް ލިބުނު ފުލުސް މީހާއަށް އިތުރު ފަރުވާދިނުމަށް ސްރީލަންކާއަށް ގެންގޮސްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންޕެކްޓާ އޮފް ޕޮލިސް އަހުމަދު ސިޔާމް މިއަދު ވިދާޅުވީ މިރޭ ލަންކާއަށް ފޮނުވާލި ފުލުހުން މީހާގެ ބޮލަށް ސީރިއަސް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
އެމްޑީޕީގެ ބަޔަކު މާލެ ތެރޭގައި މިއަދު ކުރި މުޒަހަރާތައް ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވި ފުލުހުންގެ ތެރެއިން 14 ފުލުހަކަށް އަނިޔާވެފައިވާއިރު އޭގެ ތެރެއިން 4 މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އަދި އެފުލުހުންނަށް އަނިޔާވެފައިވަނީ އަލިކިލެގެފާނު މަގާއި ވުޑް އެޕަލް ރެސްޓްރޯރެންޓްގެ ތެރޭގައި ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައި އެއްވެ ތިބި މީހުން ފުލުހުންނާ ދިމާލަށް ގަލާ ދަނޑިބުރި ފަދަ ބައެއް އެއްޗެހި އުކަން ފެށުމުން ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.
މާލެ ތެރޭގައި އެމްޑީޕީން މިއަދު ކުރަމުން ދިޔަ މުޒާހަރާތަކުގައި، މާލޭ ސިޓީ ކައުންސިލް ކުރިމަތިން މަޖީދީމަގުން ދެ ސައިކަލެއްގައި ދުއްވާފައި ދިޔަ ދެ ފުލުހުން ހުއްޓުވުމަށްފަހު، އެތަނުން ސައިކަލެއްގައި ވަނީ ރޯކޮށްލާފަ އެވެ.
އެހާދިސާގައި އެ ދެފުލުހުން ހުއްޓުވުމަށްފަހު އެމީހުންނަނަށް އެސަރައްދުގައި ތިބި ބަޔަކު އަނިޔާކޮށްފައިވާ ކަމަށާއި ނަމަވެސް މާސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.