28 Oct 2021, 12:40
އައްޑޫ ސިޓީ ކެނަރީފް ރިސޯޓު ޑިސެމްބަރު މަހުގެ ފަހުކޮޅުގައި އަލުން ހުޅުވަން ތައްޔާރަވަމުންދާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރާއި ބައެއް ކައުންސިލަރުން ހިމެނޭ ޓީމެއް އިއްޔެ ވަނީ ކެނަރީފް ރިސޯޓުގެ މެނޭޖްމަންޓާ ބައްދަލު ކުރައްވާފައެވެ.
އެ ބައްދަލުވުމުގައި ރިސޯޓު ހުޅުވަން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ކެނަރީފް ޑިސެމްބަރު މަހުގެ ފަހުކޮޅުގައި އަލުން ހުޅުވޭނެ ކަމުގެ ޔަގީންކަން އެ ބައްދަލުވުމުގައި ރިސޯޓުގެ މެނޭޖްމަންޓުން ވަނީ ކައުންސިލަށް ދީފައެވެ.
އެކަން ހާސިލު ކުރުމަށް ޓަކައި މި ވަގުތަށް ބޭނުންވާ މުވައްޒަފުން ހޯދުމަށާއި ރިސޯޓު އަވަހަށް އޮޕަރޭޝަނަށް ގެނައުމަށް ބޭނުންވާ އެހީތެރިކަން ކައުންސިލުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން މޭޔަރު ނިޒާރު ވަނީ ދެއްވާފައެވެ.
ކުރިން ހެރަތެރަ އައިލެންޑް ރިސޯޓުގެ ނަމުގައި ހިންގި ކެނަރީފް ބަންދު ކުރީ ކޮވިޑް-19 ޕެންޑެމިކްއާ ގުޅިގެން މިދިޔަ އަހަރުގެ ޖޫން މަހުގައެވެ.
ކޮވިޑާ ގުޅިގެން ކެނަރީފްގެ އިތުރުން އައްޑޫގައި ހިންގާ ޝަންގްރިއްލާ ވެސް ބަންދު ކުރުމަށްފަހު، ނުހުޅުވައި ލަސްވާތީ އައްޑޫ ސިޓީގެ އާންމުން މިހާރު ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އެ ދެ ރިސޯޓު އެއްފަހަރާ ބަންދު ކުރުމުން އެ ރިސޯޓު ތަކުގައި މަސައްކަތްކުރި ސަތޭކަ އަށް ވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ވަނީ ގެއްލިފައެވެ.