01 Mar 2012, 18:48
އެމްޑީޕީ އަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު މިއަދު މާލެތެރޭގައި ކުރަމުން ގެންދާ މުޒާހަރާތައް ކޮންޓްރޯލްކުރުމަށް ހަރަކާތްތެރިވަމުން އަންނަ ފުލުހުންނަށް މުޒާހަރާތަކުގެ ބައެއް ބައިވެރިން ދެމުންގެންދާ އަނިޔާތައް އަދާލަތު ޕާޓީން ވަރަށް ބޮޑަށް ކުށްވެރިކޮށްފި އެވެ.
އަދާލަތު ޕާޓީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މާލެތެރޭގެ އަމަންއަމާންކަން ބެލެހެއްޓުމަށް މިއަދު ހަރަކާތްތެރިވި ފުލުހުންނާ ދެކޮޅަށް އެމްޑީޕީ އަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު ހިންގަމުންދާ ލާއިންސާނީ އަދި ޓެރަރިޒަމްގެ އަމަލްތައް އެޕާޓީން އެންމެ ހަރުކަށި އިބާރުން ކުށްވެރިކުރާ ކަމަށެވެ.
އަދާލަތު ޕާޓީން ބުނީ ރައްޔިތުންގެ މަޖިލީހަށް މިއަހަރަށް ހުޅުވައިދެއްވުމުގެ ގޮތުން މަޖިލީހަށް ހުށަހަޅަން ޖެހޭ ބަޔާނެއް އެމަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހުށަހަޅައިދެއްވުމަކީ ގާނޫނު އަސާސީން އެމަނިކުފާނަށް ލާޒިމް ކުރާ ކަމަކަށްވާއިރު އެކަމަށް އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުން ހުރަސް އެޅުމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށްޓަކައި ކުރަމުންދާ ވަރަށް ބޮޑު ޖަރީމާއެއްކަމުގައި ދެކޭ ކަމަށެވެ.
އަދި އެމްޑީޕީން މިފަހަކަށް އައިސް ބާއްވަމުންގެންދާ ބައެއް މުޒާހަރާތަކުގައި ރައީސް ޑރ. ވަހީދު އަވަހާރަކޮށްލާނެ ކަމަށް އިޝާރާތްކޮށްފައިވުމާއި ރިސޯޓްތަކުގައި ހުޅުޖެހުމަށް ގޮވާލާފައިވުން ފަދަ ޓެރަރިޒަމްގެ އަމަލްތަކަށް މަގުފަހިވާ ފަދަ ވާހަކަތައް ދައްކަވާފައި ވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ރާއްޖޭގެ އަށް މިވަގުތު ދިމާވެފައިވާ ސިޔާސީ މައްސަލަތައް ހައްލުކުރެވޭނީ މަޝްވަރާގެ އުސޫލުން މަސައްކަތްކޮށްގެން ކަމަށް އަދާލަތުން ދެކޭ ކަމަށާއި އަދި މީހުންނަށާއި މުދަލަށް ގެއްލުން ދިނުމާއި، ޓެރަރިޒަމަށް މަގުފަހިވާފަދަ ވާހަކަތައް ދެއްކުމަކީ އެއްވެސް ހާލަތެއްގައި ކޮށްގެންވާނެ ކަމެއް ނޫން ކަމުގައި އަދާލަތުން ވަނީ ބުނެފަ އެވެ. އަދި އެފަދަ އަމަލްތައް ތަކުރާރުނުކުރުމަށް އެމްޑީޕީގެ އޮސްވެރިންނަށް އަދާލަތުން ވަނީ ގޮވާލާފަ އެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުގައި މިއަދު ހިންގަމުން ދިޔަ ބައެއް ހަމަނުޖެހުންތަކުގައި ބައެއް ފުލުހުންނަށާއި މީސްމީހުންގެ މުދަލަށާއި ވަނީ އެކިވަރުގެ ގެއްލުންދީފަ އެވެ.
އެމްޑީޕީ އިން މީޑިއާ އަށް މައުލޫމާތު ދެއްވާ އެއްވެސް ބޭފުޅަކު ފޯނަށް ޖަވާބު ނުދެއްވުމުގެ ސަބަބުން އެފާޓީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.