28 Oct 2021, 08:39
މި ސީޒަނުގައި ބާސެލޯނާއިން ރެކޯޑް އަދަދަކަށް މެޗުތަކުން ބަލިވެ، މީގެން ޒަމާނަކު ވެސް އެ ކުލަބު ނުދާހާ ދަށު ދަރަޖައަކަށް ގޮސްފައިވަނިކޮށް އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން މަގާމުން ވަކިކޮށްފިއެވެ.
ކޫމަން ވަކިކުރިކަން ބާސެލޯނާއިން އިއުލާން ކުރީ ސްޕެނިޝް ލީގުގައި ރޭ ރަޔޯ ވަލެކާނޯ އަތުން 0-1 އިން ބަލިވި މެޗަށްފަހުއެވެ. ރޭގެ މެޗުގެ ނަތީޖާއާއެކު ބާސެލޯނާ މިވަގުތު އޮތީ ތާވަލުގެ ނުވަ ވަނައިގައެވެ. އެ ޓީމުން މިހާތަނަށް ލީގުގައި ކުޅުނު 10 މެޗުން އެންމެ 15 ޕޮއިންޓް ލިބުނު އިރު، މޮޅުވެފައި ވަނީ އެންމެ ހަތަރު މެޗުންނެވެ.
ރޭގެ މެޗުގައި ރަޔޯ ވެލަކާނޯއިން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ ކުރިން އެތުލެޓިކޯ މެޑްރިޑާއި، މެންޗެސްޓާ ޔުނައިޓެޑް އަދި މޮނާކޯ ފަދަ ކުލަބުތަކަށް ކުޅުނު ރަޑެމެލް ފަލްކާއޯއެވެ.
މިފަހަރުގެ ސްޕެނިޝް ލީގުގައި ތިން ބައްޔާއެކު، ތިން ޑްރޯ ވެފައިވާ އިރު، ބާސެލޯނާއަށް މިގޮތުގައި އޮވެގެން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ގެއްލުމުގެ ފުރުސަތު ބޮޑެވެ. އަދި މިފަހަރުގެ ޗެމްޕިއަންސް ލީގުގައި އެ ޓީމުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައިވާ އިރު، މުބާރާތުގެ ފުރަތަމަ ބުރުން ކެޓުމުގެ ފުރުސަތު ބިރު ވެސް އެ ޓީމަށް އެބައޮތެވެ.
ބާސެލޯނާގެ ކޯޗަކަށް ހުރި ކޫމަން މަގާމުން ވަކިކުރުމަށް ގިނަ ސަޕޯޓަރުންތަކެއް ގޮވާލާފައިވާ އިރު، އެންމެ ފަހުން ކުޅުނު އެލްކުލެސިކޯގައި ވެސް އެކުލަބު ވަނީ ބަލިވެފައެވެ. މިއީ ވިދިވިދިގެން ބާސެލޯނާ އެލްކުލެސިކޯއިން ބަލިވި ތިންވަނަ ފަހަރެވެ.
ކޫމަން ބާސެލޯނާގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ސީޒަނުގައި އެ ޓީމުގެ ކޯޗަކަށް ހުރި ކީކޭ ސެޓިއެން މަގާމުން ދުރުކުރުމަށްފަހުއެވެ. އޭރު ކުލަބުގެ ރައީސްއަކަށް ހުރި ޖޯސެޕް ބާޓެމެއުގެ ނިންމުމަށްފަހު ކޫމަން މަގާމާއި ހަވާލުވި ނަމަވެސް އަލަށް ހޮވުނު ޖޯއާން ލަޕޯޓާގެ ދިގު މުއްދަތު ޕްލޭންގައި ކޫމަން ނުހިމެނޭކަން އޭނާ ވަނީ ކުރިން ވެސް ސާފުކޮށްދީފައެވެ.
ބާސެލޯނާއިން ރޭ ނެރުނު ބަޔާނުގައި ބުނީ، އެކުލަބުގެ ރައީސް ވަނީ ކޫމަންއަށް މަގާމުން ދުރުކޮށްފައިވާކަން ރޭގެ ބައްޔާއެކު އަންގާފައިވާ ކަމަށާއި، އޭނާގެ މުސްތަގުބަލުގައި ފާގަތި ދުވަސްތަކަކަށް އެދޭ ކަމަށެވެ.