28 Oct 2021, 09:51
ކޮވިޑްގެ ދަތި ހާލަތުގައި އެންމެ ފުރިހަމަ ނަމޫނާއެއް ދެއްކީ ސްކޫލްތަކުން ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގެ ދެކުނަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ފުވައްމުލަކަށް ވަޑައިގެން، މުހައްމަދު ޖަމާލުއްދީން ސްކޫލްގެ މަލްޓިޕާޕަސް ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ މޭރުމުން ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ތައުލީމު ފޯރުކޮށްދިނުމުގައި އެއް ދޮރު ބަންދު ވެއްޖެނަމަ އެހެން ދޮރެއް ހުޅުވައިގެންވެސް، އަދި ސްކޫލްތައް ހުޅުވައިގެން ތައުލީމު ފޯރުކޮށް ނުދެވުމުން ގޭގައި ދަރިވަރުން ބައިތިއްބައިގެން ވެސް މެދުނުކެނޑި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދީފައިވާ ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ އެކަމަށް ޓަކައި އެންމެހާ މުދައްރިސުންނަށާއި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެކަން ފަހިކޮށްދިނުމަށް މަސައްކަތް ކުރެއްވި އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ކޮވިޑްގެ ދަތިހާލުގައި ދައުލަތަށް ފައިސާ ލިބުން އެއްކޮށްހެން ހުއްޓިފައިއޮތް އިރުވެސް ފެނިގެންއައީ ރާއްޖޭގެ އެންމެ އުތުރުން، ތުރާކުނުން ފެށިގެން އައްޑޫ ސިޓީ ގަމާ ހަމައަށް މަސައްކަތްތައް މަޑުނުޖެހި ކުރިޔަށް ދިޔަތަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މިއީ ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނުންފުޅާއެކު ކުރެވުނު މުހިއްމު މަސައްކަތްތަކެއްގެ ގޮތުގައި ނައިބު ރައީސް ސިފަކުރެއްވިއެވެ. ކައިރި ގައުމުތަކުގައި އަދިވެސް ކޮވިޑް މެނޭޖް ނުކުރެވިގެން އުޅޭ މަންޒަރު މިހާރު ވެސް ފެންނަ ކަމަށާއި އެހެންނަމަވެސް ރާއްޖެއިން ކޮވިޑް މެނޭޖްކުރުމުގައި ނަމޫނާ ދައްކާފައިވާ ކަމުގައި ނައިބު ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
"ކޮވިޑް މެނޭޖްކުރުމުގައި ދެވުނު ގައިޑްލައިންތަކާއި ރެސްޓްރިކްޝަންތަކާ މެޝާސްތަކާ އެއްގޮތަށް އެންމެ ރަނގަޅަށް އެ މަސައްކަތް ކުރެއްވި ބަޔަކީ ސްކޫލްތަކުގައި މަސައްކަތްކުރެއްވި ބޭފުޅުން،" ނައިބު ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ މުހައްމަދު ޖަމާލުއްދީން ސްކޫލްގެ މަލްޓިޕާޕަސް ހޯލް ވެސް ހުޅުވާދެއްވާފައެވެ.