01 Mar 2012, 18:40
ކޮމަންވެލްތްގެ ފަރާތުން ރާއްޖޭގެ ސިޔާސީ ލީޑަރުންނާ ގުޅިގެން މަސައްކަތް ކުރުމަށް ހާއްސަ މަންދޫބެއްގެ ގޮތުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމާއި ނިއުޒީލޭންޑްގެ ބޮޑުވަޒީރުކަމާއި ޕާލަމެންޓް މެމްބަރުކަން ކުރިން ކުރައްވާފައިވާ ނިއުޒީލޭންޑްގެ ބޭފުޅެއް ކަމަށްވާ ސާ. ޑޮނަލްޑް މެކްކިނޮން ހަމަޖައްސައިފި އެވެ.
ކޮމަންވެލްތުން ރާއްޖެ އަށް ހާއްސަ މަންދޫބެއްގެ ގޮތުގައި ސާ. ޑޮނަލްޑް ހަމަޖެއްސިކަން މިއަދު އިއުލާން ކުރެއްވީ އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާ އެވެ. އެކަން އެގޮތަށް ހަމަޖެއްސެވީ ރާއްޖޭގެ ސިޔާސީ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ޝަރުމާ ވިދާޅުވި ކަމަށް ކޮމަންވެލްތުން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.
ޝަރުމާ ވިދާޅުވި ކަމަށް ކޮމަންވެލްތުގެ ބަޔާނުގައި ވަނީ ސާ. ޑޮނަލްޑް ރާއްޖެ ވަޑައިގެން ރާއްޖޭގައި ގާނޫނަށް ތަބާވުމާއި އިހުތިރާމް ކުރުމާއި ދެފުށް ފެންނަ އުސޫލުތައް ފަދަ ކޮމަންވެލްތުގެ އުސޫލުތައް ކުރިއަރުވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އޭނާ އެ މަގާމު ގަބޫލުކުރެއްވީތީ އުފާކުރައްވާ ކަމަށް ވެސް ޝަރުމާ ވިދާޅުވި ކަމަށް ބަޔާނުގައިވެ އެވެ.
"ރާއްޖެ އަށް ހާއްސަ މަންދޫބެއްގެ މަގާމު ސާ. ޑޮނަލްޑް ގަބޫލުކުރެއްވުމުން އަޅުގަނޑު މިހިރީ ވަރަށް އުފާވެފައި. އޭނާ ރާއްޖެ ވަޑައިގެން ޑިމޮކްރެޓިކް ސަގާފަތާއި މުއައްސަސާތައް ވަރުގަދަކޮށް، ކޮމަންވެލްތުގެ އުސޫލުތައް ޕްރޮމޯޓްކުރައްވަން މަސައްކަތް ކުރައްވާނެ. އަޅުގަނޑުމެންގެ އުސޫލުތަކަކީ އިހުތިރާމުކުރުމާ، ގާނޫނަށް އަމަލުކުރުމާއި ދެފުށް ފެނުން، އަދި ޒިންމާދާރު ކުރުވުން. މިއީ ސުލްހަވެރިކަމާ ބާއްޖަވެރި މުސްތަގުބަލެއް ހޯދުމަށް ދިވެހިރާއްޖެއަށް ބޭނުންވާ ބިންގާ،" ޝަރުމާ ވިދާޅުވި ކަމަށް ކޮމަންވެލްތުގެ ބަޔާނުގައިވެ އެވެ.
ކޮމަންވެލްތްގެ ފަރާތުން ރާއްޖޭގެ ޖުޑީޝަރީ ވަރުގަދަކުރުމަށް ޓެކްނިކަލް އެސިސްޓަންޓް ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝަރްމާ އަދި ވިދާޅުވީ މިހާރު ރާއްޖެއަށް ކުރިމަތިވެފައި މިވަނީ ވަރަށް ނާޒުކު ވަގުތެއް ކަމަށާއި އެކުވެރިކަމާއި ގައުމީ ވަންތަކަން ރާއްޖެ އަށް މިވަގުތު ވަރަށް މުހިއްމު ކަމަށެވެ. އަދި ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގުރޫޕު ]ސީމެގް[ އިން ރާއްޖޭގެ މަސްރަހާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި ބޭނުން ވަނީ ރާއްޖެއާ އެކު ގުޅިގެން ، އެކުވެރިކަމާ އެކު މަސައްކަތްކޮށް އެހީތެރިވާން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިމެގްގެ ފެކްޓްފައިންޑިން މިޝަންއެއް ކުރިން ވެސް ވަނީ ރާއްޖެ އަށް ޒިޔާރަތްކޮށް ރާއްޖޭގެ ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން މައުލޫމާތު އެއްކޮށްފަ އެވެ. އަދި އެއަށް ފަހު އެގްރޫޕުން ލަންޑަންގައި ބޭއްވި ބައްދަލުވުމަކަށް ފަހު ބުނެފައި ވަނީ ރާއްޖޭގެ ވެރިކަން ބަދަލުވީ ގާނޫނު އަސާސީއާ އެއްގޮތަށް ކަން ނުވަތަ ނޫންކަން ކަނޑައެޅެން ނެތް ކަމަށާއި ރާއްޖޭގައި އަވަސް އިންތިހާބެއް ބޭއްވުން މުހިއްމު ކަމަށެވެ.
ކޮމަންވެލްތުން ރާއްޖެ އަށް ހާއްސަ މަންދޫބެއް ކަނޑައަޅާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މި އަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމުން އެމްޑީޕީން އެކަމަށް ހުރަސްއަޅާފައި ވަނިކޮށެވެ.
ރިޔާސީ ބަޔާން އިއްވުމުގެ ފުރުސަތު ޑރ. ވަހީދަށް ނުދޭނެ ކަމަށް ބުނެ އެމްޑީޕީން ދަނީ މުޒާހަރާތައް ކުރަމުންނެވެ.