01 Mar 2012, 16:59
ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު މަޖިލީހަށް ވަޑައިގެން ތަގުރީރު ކުރެއްވުމަށް، އިދިކޮޅު ޕާޓީ، އެމްޑީޕީ އިން ހުރަސް އަޅައި އެ ޕާޓީގެ މެންބަރުން ކުރިއަށް ގެންދާ މުޒާހަރާގައި ހަމަނުޖެހުން ހިންގާތީ އެކަމާ މެދު އެމެރިކާ ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ކޮލަންބޯގައި ހުންނަ އެމެރިކާގެ އެންބަސީ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މަޖިލިސް ހުޅުވޭ އިރު، ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް މަގުޗާޓްގައި އެއްބަސްވެފައިވާ ގޮތުގެ މަތިން ގުޅިގެން ސުލްހަވެރިކަމާ އެކު މަސައްކަތްކުރުމަށް އެމެރިކާ ސަރުކާރުން ބާރުއަޅާ ކަމަށާއި މަސްރަހު އިތުރަށް ގޯސްވިޔަ ނުދިނުމަށް ވެސް އެދޭ ކަމަށެވެ.
އަދި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަށް އެމެރިކާ ސަރުކާރުން މަރުހަބާ ކިޔާ ކަމަށާއި ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކޮށް، އަދި އެއާ އެކު އަވަސް އިންތިހާބަކަށް މަގުފަހިވާނެ ކަމަށް ދެކޭ ކަމަށް ވެސް އެމެރިކާ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އެމެރިކާ އިން އަބަދު ވެސް ރާއްޖެއާ ދޭތެރޭގައި އޮންނަ ރަހްމަތްތެރިކަމަށް އިސްކަންދޭނެ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ. އަދި އިންތިހާބުގައި އެހީތެރިވުމަށް ޓެކްނިކަލް އެހީދިނުމަށް ވެސް ތައްޔާރަށް އޮތް ކަމަށެވެ. އަދި ހުރިހާ ސިޔާސީ ޕާޓީތަކުން އެކުގައި ގުޅިގެން އެއްބަސްވުމަށް އައުމަށް އެބަޔާނުގައި ގޮވާލާފައިވެ އެވެ.