27 Oct 2021, 15:48
ރާއްޖޭގެ ރިޔާސީ ނިޒާމް އަވަހާރަވެއްޖެ ކަމަށާއި މިއަދު މި އިރުއެރީ ބަރުލަމާނީ ނިޒާމަކަށް ކަމުގައި ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ޖާބިރު ވަނީ ކީރިތި ގުރުއާނުން ސޫރަތެއް ވިދާޅުވުމަށްފަހު، މިއަދު މި އިރުއެރީ ބަރުލަމާނީ ނިޒާމަކަށް ކަމަށާއި އެ ނިޒާމުގެ ތެރެއިން އޭނާ ބޮޑުވަޒީރުކަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.
ޖާބިރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނިޒާމަކީ ދިވެހި ރައްޔިތުންނާ ވަރަށް ބީރަށްޓެހި ނިޒާމެއް ކަމަށެވެ. އަދި ވިދާޅުވީ އޭނާ ގަބޫލު ކުރައްވާ ގޮތުގައި ބޮޑުވަޒީރު އިންނަވާނީ މަޖިލީހުގައި ކަމަށާއި އޭރުން ރައްޔިތުންނަށް ގާތުން ހިދުމަތް ދެވޭނެ ކަމަށެވެ.
"ރިޔާސީ ނިޒާމް އަވަހާރަވެއްޖެ. މިއަދު މި އިރުއެރީ ބަރުލަމާނީ ނިޒާމަކަށް. ހަމަ ގައިމު ވެސް އަޅުގަނޑު ބޮޑުވަޒީރުކަން ބޭނުންވޭ. ޕްރައިމް މިނިސްޓަރު ނޫންތޯ ގައުމު ހިންގާނީ. މިހާރު އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާ އަކަށް މިލާ ބޭފުޅާ ފަސް އަހަރުފަހުން އަޅުގަނޑުމެންނާ މި ބައްދަލުވަނީ ޖަލުން،" ޖާބިރު ވިދާޅުވިއެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަން ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިއަދު ރަސްމީކޮށް، ހިމެނުމުން، ޖާބިރު ވަނީ އެ ޕާޓީއަކީ މިލިޓަރީ ޕާޓީއެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
ޖާބިރު ވިދާޅުވީ އޭނާގެ އެކުވެރި، ކުރީގެ ޑިފެންސް މިނިސްޓަރު، މިލިޓަރީ ޕާޓީއެއް މަޖިލީހުގައި ދަފްތަރުކޮށް ރެޖިސްޓްރީ ކުރީތީވެ، އެކަމަށް ޓަކައި އުފާ ކުރައްވާ ކަމަށެވެ.
"އެއީ އޮންނަންޖެހޭނެ ޕާޓީއެއް. މިލިޓަރީ ވިންގެއް އޮންނަންވާނެ. އެންވަރަންމެންޓް ވިންގެއް އޮންނަންވާނެ. ދީނީ ވިންގެއް އޮންނަންވާނެ. އަދާލަތު ޕާޓީ އަންނާނީ ކޮންއިރަކުންތޯ އިންތިޒާރު ކުރަން އަޅުގަނޑު މި ހުންނަނީ،" ޖާބިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ޕާޓީ ތަމްސީލުކުރާނެ، އެންމެ މެންބަރަކު ވެސް މަޖިލީހުގައި ނެތްއިރު ބަރުލަމާނީ ނިޒާމޭ ކިޔައިގެން ދައްކާނެ އެއްވެސް ވާހަކައެއް ނޯންނާނެ ކަމަށެވެ.