27 Oct 2021, 16:36
ޚުރުތޫމް (27 އޮކްޓޯބަރު) : ސޫދާނު ސިފައިންގެ ބަޔަކު ނުކުމެ އެގައުމުގެ މަދަނީ ވެރިކަން ވައްޓާލައި ބޮޑުވަޒީރު ޢަބްދުﷲ ޙަމުދޫކް އާއި ބައެއް ވަޒީރުން ހައްޔަރުކޮށްފައި ވަނިކޮށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ހަމްދޫކް އާ ފޯނުން ގުޅުއްވައި ވާހަކަ ދައްކަވައިފިއެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ ބްލިންކެން ހަމްދޫކް އާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކާގައި ސޫދާނު ސިފައިން ހަމްދޫކާއި ވަޒީރުން ހައްޔަރުކުރުމަށް ހިންގި އަމަލާމެދު ހިތްހަމަ ނުޖެހުން ފާޅުކުރެއްވި ކަމުގައެވެ. އަދި ސޫދާނުގެ ބޮޑުވަޒީރުކަމަށް އަދިވެސް އެމެރިކާ އިއުތުރާފްވަނީ ހަމްދޫކް އަށްކަން އޭނާއަށް ދެންވިކަމުގައެވެ.
ބްލިންކެންވަނީ ހަމްދޫކާއި އޭނާގެ ސަރުކާރުގެ ވަޒީރުން މިނިވަންކުރުމަށާއި ކުއްލި ހާލަތު އުވާލައި އަދި އުވާލާފައިވާ ހަމްދޫކުގެ ސަރުކާރުވެސް އަލުން އަނބުރައި އިއާދަކުރުމަށް ސޫދާނުގެ އަސްކަރީ ވެރިންނަށް ގޮވާލައްވާފައެވެ.
ސޫދާނުގެ ސިފައިން ނުކުމެ އެގައުމުގެ މަދަނީ ވެރިކަން ވައްޓާލައި ބޮޑުވަޒީރު ޢަބްދުﷲ ޙަމުދޫކް އާއި ބައެއް ވަޒީރުން ހައްޔަރުކުރީ ސޫދާނުގެ ސޮވެރެންޓީ ކައުންސިލްގެ ރައީސް އަދި އަސްކަރީ ވެރިޔާ ޖެނެރަލް އަބްދުލްފައްތާހް އަލްބުރުހާންގެ އެންގެވުމަކަށެވެ. މިއީ ޖެނެރަލް ބުރުހާން ހިންގެވި ބަޣާވާތުގެ އަމަލެއްކަމަށް ބޮޑުވަޒީރު ހަމްދޫކާއި އޭނާގެ ސަރުކާރުގެ ވަޒީރުންވަނީ ސިފަކުރައްވާފައެވެ.
އެބޭފުޅުން ވަނީ ޖެނެރަލް ބުރުހާން އެޅުއްވި ބަޣާވާތުގެ ފިޔަވަޅުތަކާ ދެކޮޅަށް ތެދުވެ މަގުތަކުގައި އިހްތިޖާޖް ކުރުމަށް ސޫދާނުގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ. މިއާއެކު އިހްތިޖާޖަށް ނުކުތް މީހުން ހުއްޓުވުމަށް ސިފައިންވަނީ ބާރުގެ ބޭނުންކޮށްފައެވެ. ބާރުގެ ބޭނުންކުރުމުގެ ސަބަބުން 4 މީހުން މަރުވެ އެތަށް ބަޔަކުވަނީ ޒަޚަމް ވެފައެވެ.
އަނެއްކޮޅުން ބަޣާވާތުގެ ފިޔަވަޅުތަކާ ދެކޮޅަށް ސޫދާނުގެ ބައެއް މުއައްސަސާތައްވެސްވަނީ ތެދުވެފައެވެ. އަދި ބޭރުގައުތަކުގައި ތިއްބަވާ ސޫދާނުގެ ބައެއް ސަފީރުންވެސްވަނީ ޖެނެރަލް ބުރުހާނުގެ ފިޔަވަޅުތައް ކުށްވެރި ކުރައްވައި ބޮޑުވަޒީރު ހަމްދޫކަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. މިއާއެކު މިމައްސަލާގައި ސޫދާނުގެ މުޖްތަމައުވަނީ ބައިބައިވެފައެވެ.

ސޫދާނުގެ އަސްކަރީ ވެރިޔާ ޖެނެރަލް އަބްދުލްފައްތާހް އަލް ބުރުހާން
ބަޣާވާތުގެ ފިޔަވަޅުތަކަށްފަހު ދެއްވި ފުރަތަމަ ޚިތާބުގައި ޖެނެރަލް ބުރުހާން ވަނީ އޭނާގެ އަމުރަށް ސިފައިން އެޅި ފިޔަވަޅުތަކަކީ ސޫދާނުގެ ސޮވެރެންޓީ ކައުންސިލްގައި ހިމެނޭ އަސްކަރީ ލީޑަރުންނާއި މަދަނީ ލީޑަރުންނާ ދެމެދު އުފެދިފައިބާ ކޯޅުންތަކާ އެކު އެދެފަރާތަށް ތާއީދުކުރާ އާންމު ރައްޔިތުންގެ މެދުގައި ދާޚިލީ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ހިވާތީ ދާޚިލީ ހަނގުރާމައަކުން ގައުމު ސަލާމަތްކުރުމަށް އެޅި ފިޔަވަޅުތަކެއްގެ ގޮތުގައި އެކަން ސިފަ ކުރައްވާފައެވެ. އަދި މަސްރަހު ފިނިވިހާ އަވަހަކަށް ކުއްލި ހާލަތު އުވާލައި ހަމްދޫކް އާއި އޭނާގެ ވަޒީރުން މިނިވަންކުރާނެކަމަށްވެސް ޖެނެރަލް ބުރުހާން ވިދާޅުވިއެވެ.
ނަމަވެސް ހަމްދޫކުގެ ސަރުކާރުގެ ބަދަލުގައި ދެން ގާއިމް ކުރާނީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ ޓެކްނޮކްރޭޓުން ހިމެނޭ މުސްތަގިއްލު ސަރުކާރެއްކަމަށާ އަދި ކުރިންވެސް އެއްބަސްވެފައިވާ ގޮތަށް 2924 ވަނަ އަހަރު ސޫދާނުގައި ޑިމޮކްރެޓިކް އުސޫލުން އިންތިޚާބެއް ބާއްވައި ރައްޔިތުން އިންތިޚާބުކުރާ ފަރާތަކާ ވެރިކަން ހަވާލުކުރައްވާނެކަމަށްވެސް ޖެނެރަލް ބުރުހާން ވިދާޅުވިއެވެ.
މިދިޔަ ހޯމަދުވަހުގެ ފަތިހު ސޫދާނު ސިފައިންގެ ބަޔަކު ނުކުމެ އެގައުމުގެ މަދަނީ ވެރިކަން ވައްޓާލައި ބޮޑުވަޒީރު ޢަބްދުﷲ ޙަމުދޫކް އާއި ބައެއް ވަޒީރުން ހައްޔަރުކުރި ކުރުން އދ. އާއި އެފްރިކާގެ އިއްތިޙާދުންނާ އަދި ދުނިޔޭގެ އެތަށް ގައުމަކުންވަނީ ކުށްވެރިކޮށްފައެވެ. އަދި ސޫދާނުގެ މަދަނީ ޖަމްއިއްޔާތަކާއި ސިޔާސީ ޕާޓީތަކާއި އެނޫންވެސް ފަރާތްތަކުން ގެންދަނީ ހަމްދޫކް އާއި އޭނާގެ ސަރުކާރުގެ ވަޒީރުން މިނިވަންކުރުމަށާ އަދި އުވާލި ސަރުކާރު އަނބުރައި އިއާދަ ކުރުމަށް ގޮވާލައި މުޒާހަރާތައް ކުރަމުންނެވެ.