17 Jul 2010, 11:02
14:30
މެކްސިކޯގެ ކަންކުންގައި މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އ.ދ.ގެ ތިމާވެށްޓާބެހޭ ސަމިޓަކީ އިންސާފުވެރި އަދި ނަތީޖާ ނެރެވޭފަދަ އެއްބަސްވުމަކަށް އާދެވޭ ސަމިޓަކަށް ހަދަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ބަނޑޮސް އައިލެންޑް ރިޒޯޓްގައި މިއަދު ފެށުނު ކާޓެހެއިނާ ގްރޫޕްގެ ދެވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކަންކުން ސަމިޓަކީވެސް ހަމައެކަނި ދެން އޮންނަ ތިމާވެށްޓާބެހޭ ބައްދަލުވުމަށް މަގުފަހިކޮށްދޭ ބައްދަލުވުމަކަށް ވެވިގެން ނުވާނެ ކަމަށާއި، މިކަމާ ގުޅޭގޮތުން ދުނިޔެ، އެއްބަސްވުމަކަށް އަންނަންދެން ރާއްޖެފަދަ އިސް ސަފުގައިވާ ޤައުމުތަކަށް މަޑުކުރެވެން ނޯންނާނެ ކަމުގައި ވިދާޅުވި އެވެ.
މިއަދު މިފެށުނު ބައްދަލުވުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމުގެ ކުރިން، ބައިވެރިން ވިސްނާވަޑައިގަންނަވަންވީ ތިން ކަމެއް ރައީސުލްޖުމްހީރިއްޔާ ފާހަގަކުރެއްވި އެވެ. ފުރަތަމަކަމަކަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ކަމަކީ، އިތުބާރު ބިނާކުރުމުގެ މުހިންމު ކަމަށެވެ. ރައީސް ވިދާޅުވިގޮތުގައި، ކޯޕަންހޭގަން ސަމިޓްގައިވެސް ކުރިއެރުން ހޯދުމުގައި ދިމާވި އެންމެ ބޮޑު ދައްޗަކަށްވީ ބައިވެރިންގެ މެދުގައި ބައިބައިވުން އުފެދިފައިވުމެވެ. އެހެންކަމުން، ކަންކުން ސަމިޓް ފަށަންވާނީ މައިގަނޑު ކަންކަމާމެދު އެއްބަސްވުމެއް އޮވެގެން ކަމުގައި ރައީސް ވިދާޅުވި އެވެ.
ދެވަނަ ކަމަކަށް ރައީސް ވިދާޅުވީ، ޤައުމުތަކުން ކޯޕަންހޭގަންގައި ވެފައިވާ އެއްބަސްވުން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި، ދެންވެވޭ އެއްބަސްވުމެއް ބިނާވާންވާނީ ކޯޕަންހޭގަން އެކޯޑްގެ މައްޗަށް ކަމުގަ އެވެ. މި އެކޯޑަކީ ފުރިހަމަ އެކޯޑެއް ނޫން ކަން ޤަބޫލުފުޅުކުރައްވާ ކަމަށާއި އެހެންނަމަވެސް، މި އެކޯޑަކީ އެއްބަސްވުމުގައި ހިމެނެންވާ ފުޅާ ދާއިރާތައް ބަޔާންކޮށްދިނުމަށް ޤައުމުތަކުން ކޮށްފައިވާ މަސައްކަތް ރަމްޒުކޮށްދޭ އެކޯޑެއް ކަމުގައި ވިދާޅުވި އެވެ.
ތިންވަނަ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ، މާލީކަންކަމެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ގެދަބުޅި މަދުން ބޭނުންކުރާ ތަރައްޤީއަކަށް ދިޔުމަށް ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މާލީ އެހީތެރިކަން ބޭނުންވާ ކަމަށާއި، މި އެހީތެރިކަން އަންނަންވާނީ ތަރައްޤީވެފައިވާ އަދި ގެދަބުޅީގެ ވިޔަފާރީގައި އުޅޭ ޤައުމުތަކުން ކަމުގައި ވިދާޅުވި އެވެ.
މިއަދުގެ މިބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި އެންޓީގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރުވެސް ވާހަކަފުޅުދެއްކެވި އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި މަޝްވަރާކޮށްގެން ޔޫ.އެން.އެފް.ސީ.ސީ.ސީ.ގެ މަޝްވަރާ ބައްދަލުވުންތަކަށް މަގުފަހިކޮށްދިނުމަށް ބާރުއެޅުއްވި އެވެ.
ކާޓެހެއިނާ ގްރޫޕަކީ މިދިޔަ އަހަރު ކޯޕަންހޭގަންގައި ބޭއްވުނު މޫސުމާބެހޭ ސަމިޓާ ގުޅިގެން، އެއް ޚިޔާލުތަކެއް ގެންގުޅޭ ޤައުމުތަކުން އެއްބަސްވުމަކަށް އައުމަށްޓަކައި މަޝްވަރާތައް ކުރުމަށް އުފެދިފައިވާ ގްރޫޕެކެވެ.