27 Oct 2021, 13:35
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމެނުމާއެކު ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެ ޕާޓީގެ ނަން ރަސްމީކޮށް، ހިމަނައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށްފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރެޖިސްޓްރީ ކޮށްފައިވާ މޯލްޑިވްސް ނެޝަނަލް (އެމްއެންޕީ) ޕާޓީގެ މެމްބަރުންގެ ރެޖިސްޓްރީގައި ހިމެނުމާއެކު ކަމާބެހޭ ލިޔުންތައް މަޖިލީހުގެ އިދާރާއަށް ފޮނުވައިވާތީ މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެޕާޓީ ރަޖިސްޓްރީ ކޮށްފައިވާކަން އިއުލާނު ކުރައްވާ ކަމަށެވެ.
"އެ ތިން މެމްބަރުންނަކީ މޯލްޑިވްސް ނެޝަނަލް ޕާޓީއަށް ނިސްބަތްވާ ތިން މެމްބަރުން ކަމުގައި މަޖިލީހުގެ ދަފްތަރުގައި ރެޖިސްޓްރީކޮށް، މޯލްޑިވްސް ނެޝަނަލް ޕާޓީއަކީ މަޖިލީހުގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޕާޓީއެއް ކަމުގައި އިއުލާނު ކުރަން،" ނަޝީދު ވިދާޅުވިއެވެ.
އެމްއެންޕީ، ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.
މި ބަދަލާއެކު މަޖިލީހުގެ ދަފްތަރުގައި މެމްބަރުން ހިމެނޭ ގޮތް:
އެމްޑީޕީ - 65 މެމްބަރުން
- ޕީޕީއެމް - ހަ މެމްބަރުން
- ޖުމްހޫރީ ޕާޓީ - ތިން މެމްބަރުން
- ޕީޕަލްސް ނެޝަނަލް ކޮންގްރެސް - ތިން މެމްބަރުން
- އެމްއެންޕީ - ތިން މެމްބަރުން
- އެމްޑީއޭ - ދެ މެމްބަރުން
- ވަކި ޕާޓީއަކަށް ނިސްބަތްނުވާ ފަސް މެމްބަރުން.
ނަޝީދު ވިދާޅުވީ މަޖިލީހުގައި ތަމްސީލުކުރާ ޕާޓީ ތަކަށް އައި ބަދަލާއެކު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ ތަކަށް ވެސް ބަދަލު އަންނާނެ ކަމަށެވެ. އެ ބަދަލުތައް ފަހުން ހުށަހަޅާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.