ދ. ކުޑަހުވަދޫ ސަމަންދަރުގޭ، އަލީ ހަސަން(އައްޔުބެ)ގެ މެޔަށް ދަގަނޑުޖަހައިތޫނު އެއްޗަކުން ކަރުބުރިކޮށްލައި ރަހުމްކުޑަ ގޮތަކަށް އޭނާ މަރާލި މައްސަލައިގެ ތުހުމަތުގައި ހިމެނޭ މީހުންގެ ތެރެއިން ފުލުހުން ޕީޖީ އޮފީހަށް ފޮނުވި ތިން މީހުންގެ މައްސަލަ އަންނަ ހަފްތާގައި ޝަރީއަތަށް ހުށަހަޅާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވެއްޖެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު މިއަދު ވިދާޅުވީ އައްޔުބޭގެ މަރާ ގުޅިގެން ފުލުހުން ޕީޖީ އޮފީހަށް ހުށަހެޅި ތިން މީހުންގެ މައްސަލަ އަންނަ ހަފްތާގައި ޝަރީއަތަށް ހުށަހަޅާނެ ކަމަށާއި އެ ކަމާ ބެހޭ ތަފްސީލު ފަހުން ދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެން އަންނަ ހަފްތާގައި އެ ތިން މީހުންގެ މައްސަލަ ޝަރީއަތަށް ހުށަހަޅާނަން،" މުއިއްޒު ވިދާޅުވި އެވެ.

ފުލުހުން ބުނެފައި ވަނީ އައްޔުބޭގެ މަރުގެ މައްސަލައިގައި ހިމެނޭ އަނެއް ތިން މީހުންގެ ތަހުގީގު އަދި ނިމިފައި ނުވާ ކަމަށާއި އެމީހުންގެ ތަހުގީގު ނިމުނުހާ އަވަހަކަށް ޕީޖީ އަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ.

އައްޔުބޭގެ މަރުގެ ތުހުމަތުގައި ހިމެނޭ ހަ މީހުންގެ ތެރެއިން މިހާތަނަށް ފުލުހުން މާލެ ގެނެސްފައި ވަނީ ތިން މީހެކެވެ.
ސަން އޮންލައިންނަށް ޔަގީންވެފައިވާ ގޮތުގައި އައްޔުބޭގެ މަރުގެ މައްސަލައިގައި ފުލުހުން މާލެ ގެނެސްފައި ވަނީ އެ މައްސަލައިގައި ހިމެނޭ ކުޑަ ކުއްޖަކާއި ކުޑަހުވަދޫ، ފަނަސް ފައުޒާމް މުހައްމަދު އަދި އެ ރަށު ރަނަކުރި އިބްރާހިމް މާޖިދު އެވެ. އެ ތިން މީހުން ވެސް ތިބީ ކޯޓު އަމުރާ އެކު ފުލުހުންގެ ހައްޔަރުގަ އެވެ.