26 Oct 2021, 20:51
ރާއްޖެއަށް 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ފުލުހުން ތުހުމަތު ކުރާ މީހުންގެ ތެރެެއިން އެކަކު ދޫކޮށްލައިފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން ތިން މީހެއްގެ 10 ދުވަހުގެ ބަންދުގެ މުއްދަތު މިއަދު ވަނީ ހަމަވެފައެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ އެތަނުން އެކަކު ދޫކޮށްލަން ނިންމައިފައެވެ.
ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލަން ނިންމީ ގއ. ދެއްވަދޫ ދޭލިޔާގެ، މިދުހަތު އިބްރާހިމް، 26އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އޭނާ ދޫކޮށްލަން ނިންމީ މި ވަގުތަށް ބަންދުގައި ބަހައްޓަން ޖެހޭ ވަރަށް ހެކި ނެތުމުން ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ވަނީ އަށް މީހުންގެ ވަނަވަރު އާއްމު ކޮށްފައެވެ. އަދި އޭގެ އިތުރުން ވެސް ޑްރަގްސް އެތެރެކުރުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ފުލުހުން ހައްޔަރު ކުރިއެވެ.
އެ ދެ މީހުން ކްރިމިނަލް ކޯޓުން ވަނީ ދޫކޮށްލައިފައެވެ. ދެ މީހުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ އިސްތިއުނާފު ނުކުރަން ޕީޖީން ވަނީ ނިންމައިފައެވެ. އެކަމުގެ ސަބަބެއް ކަމަށް ޕީޖީން ވިދާޅުވީ ހައިކޯޓު މަރުހަލާގައި އިތުރު ހެކި ހުށަހެޅުމުގެ ފުރުސަތު ނޯންނާނެތީއާއި، ދަށުކޯޓަށް ހުށަހެޅުނު ހެކި ގަރީނާގެ މައްޗަށް ބަލައި ބަންދުން ދޫކޮށްލި އަމުރު އިސްތިއުނާފު ކޮށްގެން ވަކި ތަފާތު ނަތީޖާއެއް ނެރެވިދާނެކަމަށް ނުފެންނާތީ ކަމަށެވެ.
މި މަސްތުވާތަކެތި އަތުލައިގަން އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެއާއި މާލެ އާއި މާލޭގެ ބައެއް ގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން، 100 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅު ރަށެއްކަމަށްވާ އދ. ބޮޑުކާށިހުރާ ގައި ފޮރުވާފައި ހުއްޓައެވެ.
މިއީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ފުލުހުން ހާއްސަ ސަމާލުކަމެއް ދީގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ކާމިޔާބު އޮޕަރޭޝަނެއް ކަމަށް ވަނީ ބުނެފައެވެ. މި އޮޕަރޭޝަންގެ އިތުރުން، މި ފަހުން ހިންގުނު އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. އެ އޮޕަރޭޝަންގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.