01 Mar 2012, 14:45
ރާއްޖޭގެ އިގްތިސާދާއި ބަޖެޓަށް އެހީވުމުގެ ގޮތުން އިންޑިއާ ސަރުކާރުން ރާއްޖެ އަށް 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ)ގެ ކުއްލި ލޯން އެހީއެއް ދީފި އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ އިކޮނޮމިކްސް ޓައިމްސް"ގައި ރާއްޖޭގައި ހުންނަވާ އިންޑިއަން ހައި ކޮމިޝަނަރު ޑީއެމް މުލޭއާ ހަވާލާދީ އިއްޔެ ބުނެފައި ވަނީ ރާއްޖެ އަށް މިހާރު ދިމާވެފައިވާ މާލީ ދަތިކަމުގެ ސަބަބުން އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ލޯންގެ އެހީއެއް ހަވާލު ކޮށްފައިވާ ކަމަށެވެ.
އެ ލޯންގެ އިންޓަރެސްޓް ރޭޓަކީ ކޮބައި ކަމެއް އަދި އަނބުރާ ދައްކަން ޖެހޭ މުއްދަތެއް އެ ނޫހުގައި ބުނެފައެއް ނުވެ އެވެ.
އެނޫހަށް ދިން އިންޓަވިއުއެއްގައި މުލޭ ވިދާޅުވެފައި ވަނީ ދިވެހި ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ގަނެފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑު ވެސް ދެއްކުމަށް އިތުރު އަހަރުތަކެއް ދީފައިވާ ކަމަށެވެ.