ފަނޑިޔާރުން ރިޓަޔާ ކުރުމުގެ ގަވާއިދުގެ ދަށުން ފަސް މެޖިސްޓްރޭޓަކު މިއަދު ރިޓަޔާކޮށް ދެއްވައިފި އެވެ.

ރިޓަޔާ ކޮށްދެއްވާފައިވާ ފަސް ބޭފުޅުންނަކީ ށ. މާއުނގޫދޫ ކޯޓުގެ މެޖިސްޓްރޭޓް މާއުނގޫދޫ، ފީރޯޒުގޭ، މުހައްމަދު އާދަމް އާއި، ގއ. މާމެންދޫ ކޯޓުގެ މެޖިސްޓްރޭޓް، މާމެންދޫ، ނޫރީފެހި، އަބްދުލް މުހުސިން އާއި ރ. މީދޫ ކޯޓުގެ މެޖިސްޓްރޭޓް، މީދޫ، މޫނިމާގޭ، މޫސާ އިބްރާހިމް އާއި އެ އަތޮޅު މަޑުއްވަރީ ކޯޓުގެ މެޖިސްޓްރޭޓް މަޑުއްވަރީ، ނޫރާނީ ވިލާ ނިޒާމް އާދަމް އަދި ޅ. ނައިފަރު ކޯޓުގެ މެޖިސްޓްރޭޓް، ނައިފަރު ބަގީޗާގޭ، އަބްދުލް މުހުސިން އާދަމް އެވެ.

ޖޭއެސްސީން ބުނީ އެ ބޭފުޅުން ރިޓަޔާކޮށްދެއްވީ އުމުރުން ދުވަސްވުމާއި ބަލި ހާލަތު ހުރިގޮތަށް ބެލުމަށްފަހު ކަމަށެވެ. އަދި ފަނޑިޔާރުން ރިޓަޔާ ކުރުމާއި ބެހޭ ގަވާއިދުގެ ދަށުން ޖުމްލަ 18 ބޭފުޅަކު މިހާތަނަށް ރިޓަޔާ ކޮށްދެއްވާފައިވާކަމަށެވެ.

ފަނޑިޔާރުން ރިޓަޔާ ކުރުމާއި ބެހޭ ގަވާއިދުގައި ބުނަނީ ފަނޑިޔާރަކު ހިދުމަތްކުރެއްވެވީ 30 އަހަރަށް ވުރެ ކުރުމުއްދަތެއް ކަމުގައިވާ ނަމަ ލިބި ވަޑައިގަންނަވާ މުސާރައިގެ ތިން ބައިކުޅަ އެއްބައި ހިދުމަތްކުރި މުއްދަތުން ގުނަކުރުމުން ޖެހޭ މިންވަރު އެއްފަހަރާ އެ ފަނޑިޔާރަކަށް ލިބި ވަޑައިގަންނަވާ ކަމަށެވެ. އަދި 30 އަހަރަށް ވުރެ ގިނައިން ހިދުމަތްކޮށްފައިވާ ނަމަ މަހަކު ލިބޭ މުސާރައިގެ ދެ ބައިކުޅަ އެއްބައި ހިދުމަތްކުރި މުއްދަތުން ގުނަ ކުރުމުން ޖެހޭ މިންވަރު އެ ފަނޑިޔާރަކަށް ދެއްވަން ޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައި ވެއެވެ.

ގަވާއިދުގެ ދަށުން ރިޓަޔަޑް ފަނޑިޔާރުންނަށް އެ ފަނޑިޔާރަކު ހުރި ފެންވަރަކުން ލަގަބު އެރުވެ އެވެ. ސުޕްރީމް ކޯޓު ނުވަތަ ހައިކޯޓުގެ ފަނޑިޔާރެއް ނަމަ އެބޭފުޅެއްގެ ނަމުގެ ކުރިއަށް "ޖަސްޓިސް ރިޓަޔާޑް"، ސްޕީރިއާ ކޯޓެއްގެ ފަނޑިޔާރެއް ނަމަ "ޖަޖް ރިޓަޔާޑް " އަދި މެޖިސްޓްރޭޓް ކޯޓެއްގެ ފަނޑިޔާރެއްނަމަ "މެޖިސްޓްރޭޓް ރިޓަޔާޑް"ގެ ލަގަބު ދެއްވައެވެ.