26 Oct 2021, 09:54
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ހަތަރު ދުވަހަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ނައިބު ރައީސް އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވަނީ ފުވައްމުލައް ސިޓީއަށެވެ. އަދި އެމަނިކުފާނު، ފުވައްމުލައް ސިޓީ ކައުންސިލާއި އެ ސިޓީގެ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ހަމައެއާއެކު ފުވައްމުލައް ސިޓީގެ މުހިންމު އިދާރާތަކަށް ޒިޔާރަތް ކުރެއްވުމަށާއި، އެ ސިޓީގައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ފުވައްމުލަކުގައި ކުރިއަށްގެންގޮސްފައިވާ ބައެއް މަޝްރޫއުތައް އެމަނިކުފާނު ރަސްމީކޮށް އިފްތިތާހްކޮށްދެއްވުމަށާއި، ބައެއް މަޝްރޫއުތައް ފެށުމަށް ޓަކައި ބިންގާ އަޅައިދެއްވުމަށް ހަމަޖެހިފައި ވެއެވެ.
މި ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުން ނައިބު ރައީސް، ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީއަށެވެ. އެ ސިޓީގެ ކައުންސިލާއި ބައްދަލުކޮށްލެއްވުމާއި، ބައެއް އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކޮށްލެއްވުމަށްވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އެމަނިކުފާނު، އައްޑޫ ސިޓީގެ ބައެއް އިދާރާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެމަނިކުފާނު އައްޑޫ ސިޓީގައި ޓްރެއިނިން ޕްރޮގްރާމެއް ފައްޓަވައިދެއްވުމަށް ވެސް ހަމަޖެހިފައި ވެއެވެ.
މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނައިބު ރައީސް މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ.