26 Oct 2021, 08:26
ހޮލީވުޑްގެ ލަވަކިޔުންތެރިޔާ އެޑް ޝީރަން އޭނާގެ ފަސްވަނަ ލަވަ އަލްބަމް ނެރެން ތައްޔާރުވެފައި ވަނިކޮށް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
އާދިއްތަ ދުވަހު އެޑް ޝީރަން އިންސްޓަގްރާމަށް ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި ކަމަށާއި އޭނާ މިހާރު ވަނީ އައިސޮލޭޝަންގައި ކަމަށެވެ.
"އަހަރެން މިވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި. އެހެންކަމުން މިހާރު ހުރީ އައިސޮލޭޝަންގައި. މިއަންނަނީ ސަރުކާރުގެ ގައިޑަލައިންތަކާ އެއްގޮތަށް އަމަލުކުރަމުން. އަހަރެން ގަސްތު ކުރަނީ އިންޓަވިއުތަކާއި ޕާފޯމެންސްތައް ވެސް ގޭގައި ހުރެގެން ހަމަޖެއްސުމަށް،" އެޑް ޝީރަން ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ.
މިހަބަރު ސޯޝަލް މީޑިއާގައި ފެތުރުމާއެކު، އޭނާގެ ފޭނުން ވަނީ އަވަސް ޝިފާއަކަށް އެދިފައެވެ.
އެޑް ޝީރަން ވަނީ އޭނާ އެންމެ ފަހުން ނެރެން ހަމަޖެހިފައިވާ އަލްބަމަށް ވާން ޖެހޭ ހުރިހާ ތައްޔާރީއެއް ވެފައެވެ. އެ އަލްބަމާ ގުޅޭގޮތުން އޭނާ ބުނެފައިވަނީ އެއީ އޭނާ އެންމެ ފަހުރުވެރިވާ މަސައްކަތް ކަމަށެވެ.
ހަމައެހެންމެ އެޑް ޝީރަންއަށް ވަނީ އަންނަ މަހުގެ ހައެއްގައި މިއުޒިކަލް ގެސްޓެއްގެ ގޮތުގައި "ސަޓަޑޭ ނައިޓް ލައިވް" ޝޯއަށް ދައުވަތު ލިބިފައެވެ.
އެޑް ޝީރަންގެ ލަވަތަކުގެ ތެރެއިން "ޝޭޕް އޮފް ޔޫ" އާއި "ޕާފެކްޓް" އަދި "ފޮޓޯގްރާފް" ފާހަގަ ކޮށްލެވެއެވެ.
އެޑް ޝީރަން ވަނީ ހޮލީވުޑްގެ އެންމެ ޑިމާންޑު ބޮޑު ލަވަކިޔުންތެރިންގެ އެވޯޑް ކަމަށްވާ "ގްރެމީ އެވޯޑް" ވެސް ކާމިޔާބުކޮށްފައެވެ.