01 Mar 2012, 09:57
ވޮޝިންގޓަން (މާޗް 1) : ނިއުކްލިޔަރ ހަތިޔާރާއި ދުރުރާސްތާގެ މިސައިލް ތަޖްރިބާކުރުން ހުއްޓާލައި ނިއުކްލިޔަރ ވާހަކަތަކަށް އަލުން އެނބުރި ރުޖޫޢަވުމަށް އުތުރުކޮރެޔާ އެއްބަސްވެއްޖެ ކަމަށް އެމެރިކާ ބުނެފިއެވެ.
ވައިޓް ހައުސްގެ ތަރްޖަމާން ޖޭ ގާނީ ރޭ ވިދާޅުވިގޮތުގައި މިކަންކަމަށް އުތުރުކޮރެޔާ އެއްބަސްވީ ދެޤައުމުގެ ޑިޕްލޮމޭޓުންގެ މެދުގައި މިދިޔަ ހަފްތާގައި ބެއިޖިންގ ގައި ބޭއްވި މަޝްވަރާތަކާގުޅިގެން ކަމުގައެވެ. "މިއީ ކޮރެޔަން ޕެނިންސިއުލާއިން ނިއުކްލިޔަރ ހަތިޔާރު ނައްތާލައި ހަނގުރާމައިގެ ބިރުވެރިކަމުން އެސަރަޙައްދު ސަލާމަތް ކުރުމަށް އެޅުނު ރަނގަނޅު ފިޔަވަޅެއް" ނޫސްވެރިންނާ ބައްދަލުކުރައްވަމުން ގާނީ ވިދާޅުވިއެވެ.
މިކަމާބެހޭގޮތުން އުތުރުކޮރެޔާގެ މަސްއޫލުވެރިއަކު އެއްވެސް ބަޔާނެއް ނުދެއްވައެވެ. ނަމަވެސް އުތުރުކޮރެޔާގެ ރަސްމީ ނޫސް އެޖެންސީންވަނީ ނިއުކްލިޔަރ މައްސަލާގައި ކުރިން ބާއްވަމުން ގެންދިޔަ 6 ފަރާތުގެ ވާހަކަތަކުގައި އެޤައުމު އަލުން ބައިވެރިވުމަކީ އެކަށީގެންވާ ކަމެއްކަމަށް ބުނެފައެވެ.
އުތުރުކޮރެޔާގެ މިނިންމުމާގުޅިގެން 240 ހާސް ޓަނުގެ ހިލޭކާބޯތަކެތި އެޤައުމަށް ފޯރުކޮށްދިނުމަށާއި އުތުރުކޮރެޔާ އިތުރަށް ބޭނުންވާ ކާބޯތަކެތީގެ އެހީވެސް ކުރިމަގުގައި ފޯރުކޮށްދިނުމަށް އެމެރިކާ އެއްބަސްވެފައިވާކަން ވައިޓް ހައުސްގެ ތަރްޖަމާން ހާމަކުރެއްވިއެވެ.
އުތުރުކޮރެޔާވަނީ މީގެކުރިންވެސް 2 ފަހަރެއްގެމަތިން މިކަންކަމަށް އެއްބަސްވެ އެއާއެއްގޮތަށް ކުރުމުއްދަތަަކަށް ޢަމަލުކޮށް އެމެރިކާއަށް އޮޅުވާލައި އެމެރިކާ އަތުން ބޮޑެތި އެހީތަކެއް ހޯދުމަށްފަހު އެއެއްބަސްވުންތަކާ މުޅިން ޚިލާފްވެ އަލުން ނިއުކްލިޔަރ ތަޖްރިބާތަކާއި މިސައިލް ތަޖްރިބާތައް ކޮށްފައެވެ.
އެމެރިކާގެ ކުރީގެ ދެރައީސުން ކަމަށްވާ ބިލްކްލިންޓަނާއި ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައިވެސް މިފަދަ އެއްބަސްވުންތައް އެއްބަސްވެ އެމެރިކާގެ އަތުން ކާބޯތަކެއްޗާއި ތެލާއި އެނޫން އިޤްތިސާދީ އެހީތައް ހޯދުމަށްފަހު ކުރީގެ ޙާލަތަށް އަލުން އެނބުރި ރުޖޫޢަވެފައެވެ. އެހެންކަމުން އެމެރިކާ މިފަހަރުވެސް މިޖެހުނީ އުތުރުކޮރެޔާގެ ދަންމަޅީގައި ކަމަށް އެމެރިކާގެ ބައެއް ނޫސްތަކުންވެސް ސިފަކޮށްފައިވެއެވެ. -- ރޮއިޓާސް