25 Oct 2021, 21:25
ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކު މަސައްކަތްނުކުރެވޭ ނަމަ ޕީޕީއެމުން ވެސް އެމްއެންޕީ އާއެކު މަސައްކަތެއް ނުކުރާނެކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނާއެކު މަސައްކަތް ނުކުރެވޭނެ ކަމަށާއި އެކަމަކު ޕީޕީއެމާ އެކު މަސައަކަތް ކުރެވިދާނެ ކަމަށް ނާޒިމް މިއަދު ވަނީ ވިދާޅުވެފައެވެ.
ނާޒިމްގެ އެ ވާހަކައަށް ރައްދު ދެއްވައި އަދުރޭ "ސަން"އަށް ވިދާޅުވީ ރައީސް ޔާމީނާއެކު މަސައްކަތް ނުކުރެވޭ އެއްވެސް ބަޔަކާއެކު ޕީޕީއެމުން މަސައްކަތް ނުކުރާނެ ކަމަށެވެ.
"ނާޒިމަށް ވަރަށް ބޮޑަށް އޮޅިވަޑައިގެންފައި އެ ހުންނެވީ. ރައީސް ޔާމީނާއެއްކޮށް މަސައްކަތްނުކުރެވޭ އެއްވެސް ބަޔަކާއެއްކޮށް ޕީޕީއެމް ޕީއެންސީން މަސައްކަތެއް ނުކުރާނެ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީނާ އެއްކޮށް މަސައްކަތްނުކޮށް ޕީޕީއެމާ އެއްކޮށް މަސައްކަތްކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށެވެ. ޕީޕީއެމް ޕީއެންސީއަކީ ރައީސް ޔާމީން އުފައްދަވައިފައި އޮތް ދެ ޕާޓީކަމަަށް ވެސް ވިދާޅުވިއެވެ. އަދި އެ ދެ ޕާޓީގެ ފިކުރަކީ ރައީސް ޔާމީންގެ ފިކުރުކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް ޔާމީނާއެއްކޮށް މަސައްކަތް ނުކުރެވޭ އެއްވެސް ބޭފުޅަކާއެކު ވެސް އަދި އެއްވެސް ޕާޓީއަކާ އެކު ވެސް ޕީޕީއެމް ޕީއެންސީން މަސައްކަތެއް ނުކުރާނެ. އަމުދުން ސަރުކާރަށް ތާއީދުކުރާ ބަޔަކާ އެކީގައި އެކަމެއް ނުވާނެ،" އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ މަސައްކަތަކީ ސަރުކާރު ޖަވާބުދާރީ ކުރުވުންކަމަށެވެ. އެހެންކަމުން އެ ކަމަށް ހުރަސް އެޅޭފަދަ އެއްވެސް ކަމެއް ނުކުރާނެކަމަށް ވިދާޅުވިއެވެ.
"މި ސަރުކާރަކީ ގައުމަށް ހިޔާނަތްތެރިވި ސަރުކާރެއް. ރައްޔިތުންނަށް އެއްވެސް ފައިދާއެއްވީ ކަމެއް މިހާތަނަށް ކުރެވިފައި ނެތް. އެެހެންވީމާ ސަރުކާރާ އެއްކޮޅަށް ކުރާ މަސައްކަތެއްގައި އަޅުގަނޑުމެން ބައިވެރިނުވާނަން،" އަދުރޭ ވިދާޅުވިއެވެ
އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ޕީޕީއެމާއެއްކޮށް މަސައްކަތްކުރާނެކަމަށް ބުނެ ނާޒިމް ވިދާޅުވި ވާހަކައަކީ އިހްލާސްތެރިކަމާއެކު ދެއްކެވި ވާހަކައެއް ނޫންކަމަށެވެ. އަދި ނާޒިމްގެ ބޭނުމަކީ ޕީޕީއެމްގެ އާންމު މެމްބަރުންގެ ތާއީދު ލިބޭގޮތަށް އޭނާގެ ވާހަކަތައް ބައްޓަންކުރުންކަމަށް ވިދާޅުވިއެވެ.
"އޭނާއަށް ނޭނގޭ ކަމަކީ ޕީޕީއެމްގެ ގްރާސް ރޫޓުގައި ތައީދު އޮތީ ހަމައެކަނި ރައީސް ޔާމީނަށް ކަން. ރައީސް ޔާމީނާ ދެކޮޅަށް ވާހަކަދައްކާ އެއްވެސް މީހަކަށް ޕީޕީއެމްގެ ސަޕޯޓަރުންނެއް މާފެއް ނުކުރާނެ،" އޭނާ ވިދާޅުވިއެވެ.