25 Oct 2021, 18:27
ކެނދިކުޅުދޫގައި ހާލު ދެރަވެފައި އިން ފްލެމިންގޯ، (ގުޑުގުޑާ ދޫނި) އެ ރަށުގެ ޒުވާނުން ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.
ކެނދިކުޅުދޫން ވާހަކަ ދެއްކި ޒުވާނަކު "ސަން"އަށް ބުނީ ހާލު ދެރަވެފައިވާ ފްލެމިންގޯއެއް މިއަދު ހެނދުނު ކެނދިކުޅުދޫއަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. އަދި އެކަން ފާހަގަ ކުރެވުމާ އެކު ވަގުތުން ކައުންސިލްގެ ސަމާލުކަމަށް ގެނެސް ރަށުގެ ޒުވާނުން ވެގެން އެޔަށް ފަރުވާއެއް ދެވޭތޯ މަސައްކަތް ފެށި ކަމަށް އޭނާ ބުންޏެވެ.

"މިއަދު ހެނދުނު ހާލު ދެރަވެގެން ފްލެމިންގޯއެއް އައިއްސަ ޖެއްސީ. ދެން ބައެއް ފަހަރު ރާޅާ އޭގެ ބެލެންސް ކަޓައިގެން ވެއްޓޭ ގޮތް ވާން ފެށުމުން އޭގެ ހާލަތު ދެނަގަނެވުނި. އެހާ ހިސާބުން ކައުންސިލަށް ގުޅައިގެން ދޫންޏަށް ފަރުވާ ހޯދުމަށް މަސައްކަތް ފެށިން،" ޒުވާނާ ކިޔައިދިނެވެ.
އޭނާ ބުނީ، ކައުންސިލުން ވެސް ބޭނުންވީ ފްލެމިންގޯއަށް އަވަސް ފަރުވާއެއް ދިނުމަށް ކަމަށާއި، އެކަމަށްޓަކައި ދޫނި ހިފަން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ، (އީޕީއޭ)އިން ހުއްދަ ހޯދަން ރަށުން ގުޅި ކަމަށެވެ. އެހެން ނަމަވެސް އީޕީއޭ އޭރު ބުނީ ދޫނި ނުހިފުމަށް ކަމަށާއި، ދުރުގައި ތިބެގެން ދޫންޏަށް ކާންދިނުމަށް ބުނި ކަމަށެވެ.
"ނުކެވިގެން ހާލު ދެރަވެފައި އިން ދޫންޏަކަށް ކިހިނެތް ދުރުގައި ތިބެގެން ކާންދޭނީ؟ އެހެން އުޅެނިކޮށް ހަވީރު އަތަށް އަޅާލީމާ ރާޅާކާ ރަށަށް ލެއްގީ. ދެން ޒުވާނުން އެ ނަގައިގެން ޑޮކްޓަރެއްގެ ލަފަޔާ އެކު ފަރުވާ ހޯދަން ހިފައިގެން ގެނެސް ކާންދީ، ސީޕީއާރު ވެސް ދިނިން. އެކަމަކު އިރަކޮޅެއް ތެރޭ ނޭވާ ލާން އުނދަގޫވެގެން އުޅޭކަން ފާހަގަވީ."

ކެނދިކުޅުދޫ ޒުވާނުން ދޫންޏަށް ފަރުވާ ދިނީ ނައިފަރުގައި ހުންނަ އެޓޯލް މެރިން ސެންޓަރުގައި ހުރި ޑރ. ރީނާ ހެލީނާ ޖަފްގެ ލަފާގެ މަތިންނެވެ.
"ކެނދިކުޅުދޫ ޒުވާނުންނާއި، ސިއްހީ މަރުކަޒާ ގުޅިގެން ދޫނި ރިވައިވް ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރި. އެގޮތުން ދޫންޏަށް ހޫނު ކުރަން ޒުވާނުން ޓީޝާޓުތައް ބާލައިގެން އެޔަށް ހޫނުވެސް ކުރި."
އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް "ސަން" އަށް ވިދާޅުވީ، ކެނދިކުޅުދޫގައި ފެލެމިންގޯ މަރުވި ޚަބަރަކީ ހިތާމަވެރި ހަބަރެއް ކަމަށާއި، އޭގެ ހާލު ދެނެގަނެ، ރަށުގައި ދެވެން ހުރި ފަރުވާއެއް ދިނުމަށް ރަށަށް އެންގި ކަމަށެވެ.
އޭޕީއޭއިން މިހާރު ވަނީ މަރުވެފައިވާ ފްލެމިންގޯ ރަބަރު ކޮތަޅަކަށްލައި، ބަންދުކޮށްފައި ބޭއްވުމަށް އަންގައިފައެވެ. މާދަމާގެ ވަގުތެއްގައި އީޕީއޭއިން ދޫނި ބަލައި އަންނާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.