ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކުގައި ގާތްގަނޑަކަށް 3 މިލިޔަން މީހުން އެކިބާވަތުގެ ކެންސަރުގެ ބަލިތަކުގެ ޝިކާރައަކަށް ވެފައިވާ ކަމަށާއި މީގެތެރެއިން 1.3 މިލިޔަން މީހުން މިހިނގާ 2012 ވަނަ އަހަރުގެ ތެރޭގައި މަރުވާނެ ކަމަށް ލަފާކުރެވޭކަމަށް ކަމާބެހޭ ޢިލްމީ ދިރާސާއެއް ބުނެފިއެވެ.

އިޓަލީއާއި ސްވިޓްޒަރލޭންޑްގެ ޑޮކްޓަރުންގެ ޓީމަކުންކުރި ދިރާސާއެއް ބުނިގޮތުގައި 2012 ވަނަ އަހަރުގެ ތެރޭގައި ކެންސަރުގެ ބަލިތަކުގައި ޔޫރަޕުން 1.3 މިލިޔަން މީހުން މަރުވާނެކަމަށް ޑޮކްޓަރީގޮތުން ކޮށްފައިވާ ސަރވޭތަކުން ލަފާކުރެވިފައިވާ ކަމުގައެވެ. މިދިރާސާ ބުނާގޮތުން ކެންސަރުބަލީގައި ގިނައިން މަރުވާނެކަމަށް ބެލެވިފައިވަނީ އަންހެނުންނަށްވުރެ ގިނައިން ފިރިހެނުންނެވެ.

ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކުގެ ސިއްޙަތާބެހޭ ތަފާސްހިސާބުތައް ދައްކާގޮތުން އެޤައުމުތަކުގެ ފިރިހެނުންގެ މެދުގައި އެންމެގިނައީ ފުއްޕާމޭގެ ކެންސަރެވެ. އަންހެނުންގެ މެދުގައި އެންމެގިނައީ އުރަމަތީ ކެންސަރެވެ. އެންކޮލޮޖީ ނުވަތަ ޓިއުމަރުތަކާއި ދުޅަތަކާބެހޭ ޢިލްމާބެހޭ އިލްމީ މަޖައްލާއެއްގައި ޝާއިޢުކޮށްފައިވާ މިދިރާސާބުނާގޮތުން އެވްރެޖްކޮށް ޔޫރަޕްގެ ކޮންމެ އެއްލައްކަ ފިރިހެނުންގެ ތެރެއިން 139 މީހުން ކެންސަރުބަލީގައި އަހަރަކު މަރުވެއެވެ.

އަދި އެވްރެޖްކޮށް ޔޫރަޕްގެ ކޮންމެ އެއްލައްކަ އަންހެނުންގެ ތެރެއިން 85 ހާސް މީހުން ކެންސަރުބަލީގައި ކޮންމެ އަހަރަކު މަރުވެއެވެ. -- ރޮއިޓާސް