25 Oct 2021, 14:06
ދުބާއީ އެކްސްޕޯއަކީ ރާއްޖެއާއި ދުބާއީއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދުބާއީގައި މިހާރު ކުރިއަށްދާ އެކްސްޕޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ކޮވިޑް-19ގެ ހާލަތުގައި ރާއްޖެއާ އެހެން ގައުމުތަކަށް ދިމާވެފައި ހުރި އެކި ގޮންޖެހުންތަކުން އަރައިގަތުމަށް ދެމެހެއްޓެނިވި ހައްލުތަކެއް މި އެކްސްޕޯގެ ތެރެއިން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"މިއީ ރާއްޖެއާއި ދުބާއީ އާ އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހި ކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް. ވިޔަފާރި އާއި އިގްތިސޯދީ ދާއިރާއިންނާއި އެނޫންވެސް ގޮތްގޮތުން ދުބާއީއާ އިތުރު ގުޅުންތައް ބަދަހި ކުރުމަށް އަބަދުވެސް ޝައުގުވެރިކަން ހުރޭ. މި އެކްސްޕޯ މެދުވެރިކޮށް ދުނިޔެއަށް ކުރިމަތިވެފައިވާ ދަތި ހާލު، ބަނޑުހައި ހޫނުކަމާއި، ފަގީރުކަމާއި ޓެރަރިޒަމްގެ ނުރައްކަލާއި، ތިމާވެށީގެ މައްސަލަތައް ފަދަ ބޮޑެތި މައްސަލަތަކަށް އިޖާދީ ހައްލުތަކެއް ދިނުމަށް ފުރުސަތު ތަކެއް ލިބެގެންދާނެ. އަދި މިއީ ވަރަށް ބޮޑު އުންމީދެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ މިސްރާބު ޖަހާފައި ވަނީ ދެމެހެއްޓެނެވި ސިޔާސަތުތަކުގެ ތެރެެއިން މުހިއްމު އަމާޒުތަކެއް ހާސިލް ކުރުމަށް ކަމަށާއި ރާއްޖޭގެ ސަގާފަތާއި ހުނަރުތައް ދައްކާލުމަކީ ރާއްޖެއަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ދުބާއީ އެކްސްޕޯގައި -- ފޮޓޯ/ ރައީސް އޮފީސް
މީގެ އިތުރުން ރައީސް ވިދާޅުވީ މި އެކްސްޕޯއިން ދުނިޔޭގެ އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދީ، ދުނިޔޭގެ ތަރައްގީއަށް ކުރެވޭ މަސައްކަތުގައި ހުރިހާ ގައުމުތަކެއްގެ ވެސް ބައިވެރިވުން އޮވެގެން ކަންކަން ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ހަމައެހެންމެ ކޮވިޑް-19 އާއެކު ދުނިޔޭގެ އިގްތިސޯދަށް ހީނަރުކަމެއް ލިބިފައިވާ ދަނޑިވަޅެއްގައި މިފަދަ އެކްސްޕޯއެއް މިހާ ފުރިހަމަކަމާއެކު ދުބާއީގެ ސަރުކާރުން އިންތިޒާމް ކުރެއްވި ކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދުބާއީގެ އެކްސްޕޯގެ އިންތިޒާމުތައް ވަރަށް ފުރިހަމަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ދިވެހި ސަގާފީ ހުށަހެޅުންތަކެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން ދިވެހިންގެ އަމިއްލަވަންތަކަމާއި ދިވެހިންގެ އެވޭލާ ދިރިއުޅުމުގެ އިތުރުން ދަތުރުފަތުރުގައި ބޭނުންކުރި އުކުޅުތަކާއި ވަސީލަތްތަކާ ބެހޭ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގެ ސަގާފީ ނެށުންތަކުގެ ތެރެއިން ބަނޑިޔާ ޖެހުމާއި، ކުރުފަލި ޖެހުމާއި، ތާރަ ޖެހުމުގެ އިތުރުން މާފަތި ޖެހުމުގެ ހަރަކާތްތައް ވަނީ ދައްކާލައިފައެވެ.
ރައީސްއާއެކު މި ދަތުރުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ބައިވެރިވެވަޑައިގަންނަވައެވެ. އަދި އަންނަ ބުދަ ދުވަހު އެކަމަނާ ރާއްޖެއަށް ވަޑައިގަންނަވާނެއެވެ.
ނަމަވެސް ރައީސް ދުބާއީގައި މަޑުކުރައްވައި، ހުކުރު ދުވަހު ސްކޮޓްލޭންޑަށް ފުރާވަޑައިގަންނަވާނެއެވެ. އެއީ އެގައުމުގައި އޮންނަ ކޮޕް26 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ.