25 Oct 2021, 13:05
ކޮޕް26 ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ހުކުރު ދުވަހު ރައީސް ސްކޮޓްލޭންޑަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް "ސަން" އަށް ވިދާޅުވީ، ރައީސް ސްކޮޓްލޭންޑަށް ފުރާވަޑައިގަންނަވާނީ ދުބާއީން ކަމަށެވެ.
ރައީސް އާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ދުބާއީއަށް ވަޑައިގެންނެވީ އިއްޔެއެވެ. އެއީ ދުބާއީގައި ކުރިއަށްގެންދާ ވޯލްޑް އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ޓަކައިއެވެ.
މިއަހަރުގެ ވޯލްޑް އެކްސްޕޯގައި ރާއްޖޭގެ ގައުމީ ދުވަސް ފާހަގަކުރަން ވަނީ ނިންމާފައެވެ. އަދި މާދަމާ ދުބާއީގައި އޮންނަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ކީނޯޓް ސްޕީކާއެއްގެ ހައިސިއްޔަތުން ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ރައީސްގެ ދެކަނބަލުން ޔޫއޭއީގައި ދިރިއުޅޭ ރާއްޖޭގެ ޑިޕްލޮމެޓުންނާއި ދިވެހި އާއިލާތަކާ ބައްދަލުކުރައްވާނެއެވެ.
އެއަށް ފަހު އަންނަ ބުދަ ދުވަހު ފަޒްނާ ރާއްޖެ ވަޑައިގަންނަވާނެއެވެ. ނަމަވެސް ރައީސް ރާއްޖެ ވަޑައިގަންނަވާނީ ސްކޮޓްލެންޑުގެ ގްލަސްގޯގައި އޮންނަ ކޮޕް ކޮންފަރެންސުގައި ބައިވެރިވެވަޑައިގަތުމަށް ފަހުގައެވެ.
ކޮޕް ސަމިޓަކީ ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތައް މަދު ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދުނިޔޭގެ އިސްވެރިންގެ މެދުގައި މަޝްވަރާކޮށް، މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ވީހާވެސް ކުޑަކުރުމަށް ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކަށް ބާރު އެޅުމުގެ ގޮތުން ބާއްވާ އެންމެ ބޮޑު ބައްދަލުވުމެވެ.
މިއަހަރުގެ ކޮޕް ސަމިޓް ކުރިއަށް ދާނީ އަންނަ މަހުގެ އެކަކުން 12އަށެވެ. އަދި މި ސަމިޓުގެ ރިޔާސަތުގައި ހުންނަވާނީ އިނގިރޭސިވިލާތުގެ ކެބިނެޓު އޮފީހުގެ ސްޓޭޓް މިނިސްޓަރެއް ކަމަށްވާ އަލޮކް ޝަރުމާއެވެ.