ދިވެހި ސަރުކާރުން ވިޔަފާރިތަކަށް ސޮވެރިން ގެރެންޓީ ދިނުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖާބިރު އެ މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ ރާއްޖޭގެ ބޮޑެތި ވިޔަފާރިތައް ހިންގަމުން އަންނަ ބިންތަކަކީ ސަރުކާރުގެ މިލްކުވެރި ބިންތަކަކަށް ވުމުން، ކޮވިޑް-19 ގެ ދުވަސްވަރު ގިނަ ވިޔަފާރިތައް ހުއްޓުނު ކަމަށެވެ.

މި ކަމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް އިންވެސްޓު ކޮށްގެން ތިބި ވިޔަފާރިވެރިންނާއި ދިވެހި ރައްޔިތުންނަށް ފޫނުބެދޭ ވަރުގެ ބޮޑެތި ގެއްލުން ވަމުން އަންނަ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"އަދި އިތުރަށް އިގްތިސޯދަށް ގެއްލުން ދެނިވި އުސޫލު ސަރުކާރުގެ އަމަލުތައް ހުރި ހިނދު، ދިވެހި ސަރުކާރާއެކު ވެފައިވާ އެއްބަސްވުމަށް އެކަނި ބަލައިގެން ބޭންކު ތަކުން ޕްރައިވެޓް ކުންފުނިތަކަށް ލޯނު ދޭން ޖެހިލުންވެ، ފައިނޭންސް ހޯދަން ނިހާޔަތަށް އުނދަގޫވެ، ދިވެހިރާއްޖެއިން ބޭރުން ފައިސާ ހޯދުން ނޫން ގޮތެއް ދިވެހި ކުންފުނިތަކަށް ނެތިފައި،" ޖާބިރުގެ މައްސަލައިގައި ބުނެފައިވެއެވެ.

ޖާބިރު ހުށަހެޅުއްވި މައްސަލައިގައި ވަނީ ޕްރައިވެޓް ކުންފުނިތަކަށް ފަސޭހަ ކަމާއެކު ސަރުކާރުގެ ސޮވެރިން ގެރެންޓީ ދިނުމަށް މަޖިލީހުން ބާރު އެޅުމަށް ހުށަހަޅައިފައެވެ.

މި މަައްސަލަ މަޖިލީހަށް ބަލައިގަތުމަށް ނެގި ވޯޓުގައި، މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. ނުފެންނަ ކަމަށް 15 މެންބަރުން ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ހަތަރު މެންބަރުން ތިއްބެވެ.