މިދުވަސްވަރު ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކުގެ ތެރެއިން ހިފައި، ފިޔަކޮށާލާފައި ވަނިކޮށް ސަލާމަތްކުރި ފްލެމިންގޯގެ ހާލު ދެރަވެ، އޭގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް އެންވައިރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް "ސަން"އަށް ވިދާޅުވީ، ފިޔަކޮށާލި ފްލެމިންގޯގެ ހާލު ވަރަށް ދެރަ ކަމަށެވެ.

"މިހާރު [ފްލެމިންގޯ] ދުނިޔޭގައި އޮތްކަމާ، ނެތްކަން ވެސް ނޭނގޭ ހިސާބުގަ އޮތީ. އެހާ ބަލިކޮށް،" ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ އެ ފްލެމިންގޯ ހިފި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށާއި އެ ދޫނީ ހިފި މީހާއަށް ފިޔަވަޅު އަޅާނީ މައްސަލައިގެ ތަހުގީގަށް ފަހު ކަމަށެވެ. އަދި އެ މީހާއަށް އަޅާނެ ފިޔަވަޅަކީ ޖޫރިމަނާ ކުރުން ކަމަށް މީގެ ކުރިން ނައީމް ވިދާޅުވިއެވެ.

އީޕީއޭއިން ރޭ ކުރި ޓުވީޓެއްގައި ބުނީ، އެ ފްލެމިންގޯއަށް ފަރުވާ ދޭން މަސައްކަތްކުރި ނަމަވެސް އޭގެ ހާލު ގޯސްވަމުންދާ ކަމަށެވެ. އަދި ރާއްޖޭގައި މިފަދަ ޖަނަވާރު ރިހެބިލިޓޭޓް ކުރާނެ ރަނގަޅު ނިޒާމެއް ނެތް ކަމަށާއި އެއީ އެފަދަ ޖަނަވާރުތަކަށް އުނދަގޫކޮށް، ހިފައި ނަހަދަންވީ އެއް ސަބަބު ކަމަށް އެ އިދާރާއިން ބުންޏެވެ.

އެ ފްލެމިންގޯ ސަލާމަތް ކުރީ ހއ. ބާރަށުންނެވެ. އަދި އެ ދޫނި ބަލަހައްޓަނީ ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ރަށެއް ކަމަށްވާ ޅ. މާކޯގައެވެ.

އީޕީއޭއިން ވަނީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އެޓޯލް ވޮލުންޓިއާސްގެ ވެޓެރިނަރީ ޑޮކްޓަރަކު އެ ދޫނީގެ ހާލު ބަަލަމުންދާނެ ކަމަށް ބުނެފައެވެ.