14:30


ރާއްޖޭގައި ތަޅާފޮޅުމާއި ކުރިމަތިލުންތައް ޕްރޮމޯޓްކުރުމަށް މަސައްކަތްކުރާ ފަރާތްތައް ހުއްޓުވައި، ގައުމުގައި އުފެދިފައިވާ ސިޔާސީ މައްސަލަތައް ހައްލުކުރުމަށް ސިޔާސީ ޕާޓީތަކުން މަޝްވަރާކުރުމަށް އ.ދ ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ގޮވާލައްވައިފި އެވެ.


ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާ، އދ.ގެ ރަސްމީ ވެބްސައިޓުގައި ބާން ކީ މޫން އިއްޔެ ބަޔާނެއް ނެރުއްވާފައި މިވަނީ، ރާއްޖޭގައި އުފެދިފައިވާ ސިޔާސީ މައްސަލަތަކާއި ސަރުކާރުން މިހާރު އަމަލުކުރަމުންދާ ގޮތުގެ ސަބަބުން ބޭރުގެ ގައުމުތަކުގެ ކުރިމަތީގައި ރާއްޖެއަށް ލިބިފައިވާ ރީތި ނަން ކިލަނބުވަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.


ބާންކީ މޫން ވިދާޅުވެފައި ވަނީ، ޑިމޮކްރެޓިކް ރިފޯމްގެ ދަށުން ގައުމަށް ލިބިފައިވާ ފައިދާތައް ހަލާކުކޮށްލުމުގެ ފުރުސަތު ވާދަވެރި ސިޔާސީ ފަރާތްތަކަށް ލިބިދީގެން ނުވާނެ ކަމަށެވެ. އަދި ފާއިތުވި ދުވަސްތަކުގެ ތެރޭގައި ހަމަނުޖެހުން ބޮޑު އެއްވުންތަކަށް މަގުފަހިކޮށްދިން ސިޔާސީ މައްސަލަތައް ހައްލުކުރުމަށްޓަކައި، ތަޅާފޮޅުމާއި ކުރިމަތިލުންތައް ޕްރޮމޯޓްކުރާ ފަރާތްތައް ހުއްޓުވައި، މި ސިޔާސީ މައްސަލަތައް ހައްލުކުރުމަށް ސިޔާސީ ޕާޓީތަކުން މަޝްވަރާ ކުރުމަށް ބާން ކީ މޫން ބާރުއަޅުއްވާފައިވެ އެވެ.


މީގެ އިތުރުން، ޤާނޫނީ ވެރިކަން ދެމެހެއްޓުމަށާއި ޤާނޫނު އަސާސީގެ ދަށުން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތައް ރައްކާތެރިކުރުމަށް ވެސް ބާން ކީ މޫން ވަނީ ދިވެހި ސަރުކާރަށާއި ސިޔާސީ ޕާޓީތަކަށް ގޮވާލައްވައިފައެވެ. ޑިމޮކްރެސީ ގާއިމްކުރުމަށް ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގައި ނަގާފައިވާ ފިޔަވަޅުތަކުގެ އަގުވަޒަންކުރައްވާކަން ފާހަގަކުރައްވަމުން ބާންކީ މޫން ވިދާޅުވެފައިވަނީ، ސިޔާސީ ބާރުތަކުގެ މެދުގައި އެއްބާރުލުން އޮތުމަކީ ޑިމޮކްރެސީ ހަރުދަނާ ކުރުމަށް މުހިންމު އެއް އަސާސް ކަމަށެވެ. އަދި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އ.ދ އިން އޮތީ ތައްޔާރަށް ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.


މީގެ އިތުރުން ކޮލޮމްބޯގައި ހުންނަ ރާއްޖެއަށް ކަނޑައަޅާފައިވާ އެމެރިކާގެ އެމްބަސީން ނެރުނު ބަޔާނެއްގައި ވެސް ވަނީ، ދިވެހި ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން ހަމަނުޖެހުންތައް އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ސިޔާސީ ހަމަނުޖެހުންތައް ހައްލުކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ބޭރުގެ ގައުމުތަކުން ހުށަހަޅާ ހުށަހެޅުންތައް ގަބޫލުކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައިވެ އެވެ.


މިކަމާ ގުޅެ ގޮތުން ފޮރިން މިނިސްޓަރ ޑރ. އަހްމަދު ޝަހީދު މިއަދު ވިދާޅުވީ، ރާއްޖޭގައި ޤާނޫނު އަސާސީ އާއި ބައިނަލް އަގްވާމީ މިންގަނޑުތަކާ ޚިލާފަށް ހިނގަމުންދާ ކަންތައްތަކާ ގުޅޭ ގޮތުން ބޭރުގެ ފަރާތްތަކުން ބަސްބުނުމަކީ ސަރުކާރުން މަރުހަބާ ކިޔާ ކަމެއް ކަމަށެވެ. އަދި ބޭރުގެ މެދުވެރިއެއެގެ އެހީތެރިކަން ހޯދުމަށް ގޮވާލާ ގޮވާލުމަށް ވެސް ސަރުކާރުން ތާއީދުކުރާ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.


ޑރ. ޝަހީދު އިތުރަށް ވިދާޅުވީ، ބޭރުގެ ފަރާތްތަކަށް އިދިކޮޅު ފަރާތްތަކުން ދީފައިވާ މައުލޫމާތުތަކުގައި ވަރަށް ގިނަ ދޮގުތައް ހިމެނޭކަން ފާހަގަކުރެއްވޭ ކަމަށެވެ. ނަމަވެސް، ބޭރުގެ ފަރާތްތަކުން އެ މައުލޫމާތުތައް ސާފުކުރާ ކަމަށާއި އެ ފަރާތްތަކުން ކަންބޮޑުވަނީ އަލަށް ޑިމޮކްރެސީ ގެންނަން އުޅޭއިރު ޚުދުމުޚްތާރުކަމުގެ ސިފަތައް ގައުމުން ފޮހެވިގެން ނުގޮސްފިއްޔާ ދިމާވެދާނެ ކަންތައްތަކާމެދު ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވި އެވެ.


ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ ކަމަށްވާ ހައުސް އޮފް ލޯޑްސްގެ މެމްބަރަކު ވަނީ ހޫނުވެފައިވާ ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން އެ ގައުމުގެ ޚާރިޖީ ވުޒާރާއާ ސުވާލުކޮށް، ރާއްޖޭގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ކަންތައް ކުރިއަށް ގެންދިއުމަށް ބާރުއެޅުމަށް ސަރުކާރަށް ގޮވާލުމަށް ބާރުއަޅުއްވައިފައެވެ.


މީގެ އިތުރުން އިނގިރޭސިވިލާތުގެ ހައުސްއޮފް ކޮމަންސްގެ ޕާލިމަންޓް މެމްބަރެއް ކަމަށްވާ ޑެނިސް މެކްޝޭން ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައި އިގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ވިލިއަމް ހޭގަށް ސިޓީފުޅެއް ފޮނުއްވާފައެވެ. އަދި ދިވެހި ސަރުކާރުން ސިޔާސީ ފަރާތްތަކާ މެދު އަމަލްކުރާގޮތް ކުށްވެރިކުރައްވާ، އެކަމާ ގުޅޭ ގޮތުން ފިޔަވަޅުތަކެއް ނެންގެވުމަށް އިނގިރޭސި ބޮޑުވަޒީރަށް ވަނީ ގޮވާލައްވައިފައެވެ.