24 Oct 2021, 20:22
އެކްސްޕޯ 2020ގައި ބައިވެރިވެވަޑައިގަތުމަށް ޓަކައި ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ދުބާއީއަށް ފުރާވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން ފުރާވަޑައިގަތީ މިއަދު ހަވީރެވެ. މި ރަސްމީ ދަތުރުފުޅަކީ މުހިންމު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.
އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ދުބާއީއަށެވެ.
ދުބާއީއަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން އެކްސްޕޯގައި ރާއްޖޭގެ ގައުމީ ދުވަސް ފާހަގަކުރުމަށް ވަނީ ނިންމާފައެވެ. އަދި ރައީސް އެ ހަފްލާގައި ވާހަކަފުޅުދެއްކެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެއާއެކު ރައީސްގެ ދެކަނބަލުންނަށް ޔޫއޭއީގެ ސަރުކާރުން ދޭ ޖާފަތެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން އަންގާރަ ދުވަހު އޮންނަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ކީނޯޓް ސްޕީކާއެއްގެ ހައިސިއްޔަތުން ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ރައީސްގެ ދެކަނބަލުން އެ ގައުމުގައި ދިރިއުޅޭ ރާއްޖޭގެ ޑިޕްލޮމެޓުންނާއި ރާއްޖޭގެ އާއިލާތަކާއި ބައްދަލުކުރައްވާނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ރައީސް އޮފީހުގެ އިސްވެރިންނާއި، ބައެއް މިނިސްޓަރުންގެ އިތުުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވާނެއެވެ.
ވޯލްޑް އެކްސްޕޯއަކީ ގައުމުތަކުގެ ސަރުކާރުތަކާއި ބޮޑެތި ކުންފުނިތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކާ އާންމުން ގުޅުވައިލައި، ދިރާސަތަކާއި އިނޮވޭޝަން މެދުވެރިކޮށް ދުނިޔެއަށާއި އާބާދީތަކަށް އިންގިލާބީ ހެޔޮ ބަދަލެއް ގެނައުމަށް ޓަކައި 1851 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު އެކްސްޕޯއެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ރާއްޖެވަޑައިގަންނަވާނީ ބުދަ ދުވަހެވެ. މި ދަތުރުފުޅަށް ފަހު ވެސް އިތުރު ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.