އަބަދުވެސް ގޭންގްތައް ސިޔާސީ ހަރަކާތްތަކާއި އެއްވުންތަކާއި މުޒާހަރާތަކުގައި ބައިވެރިވާ ކަމަށް ބުނެ އެވެ. ގޭންގު ހަރަކާތްތަކާއި ސިޔާސީ ހަރަކާތްތަކާ ގުޅިފައިވާ ކަމަށް ބުނަމުން ދެއެވެ. މިހާރު އިވެނީ ބައެއް މުޒާހަރާތަކުގައި ގޭންގްތަކާއި އެފަދަ ގޭންގުތަކުގެ މީހުން ފާޅުގައި ބައިވެރިވާ ވަހަކަ އެވެ. އަދި ބައެއް މުޒާހަރާތަކުގައި މީހުން މަސްތުވެގެން ތިބޭ ވާހަކަ އެވެ.

ގޭންގުތައް މަގުމައްޗަށް ނުކުތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އެއީ އަނިޔާވެރި ކަމާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށް ވިޔަސް އެފަދަ ބަޔަކަށް އެމީހުންގެ ޝިއާރާއި ލޯގޯ އާއި ދިދަ ބޭނުން ކުރެވިގެނެއް ނުވާނެ އެވެ. އެއީ ވަރަށް ބޮޑު މައްސަލައެކެވެ.

ގޭންގު ކުށްތައް މަނާކުރުމާބެހޭ ގާނޫނު ބުނާ ގޮތުންނަމަ އެއްވެސް ގޭންގަކާ ބެހޭ މައުލޫމާތު ހިމެނޭ ގޮތަށް ވެބްސައިޓެއް ތައްޔާރުކޮށް މުއާސަލާތީ އެއްވެސް ވަސީލަތެއް ނުވަތަ އިންޓަނެޓް ބޭނުންކޮށްގެން މައުލޫމާތު ފެތުރުމާއި، ނުވަތަ ގޭންގަކަށް ނިސްބަތްވާ ނިޝާނެއް ނުވަތަ ސިއްކައެއް ނުވަތަ ލޯގޯއެއް ނުވަތަ މިނޫންވެސް އެފަދަ އެއްޗެއް އެއްވެސް ތަނެއްގައި ކުރެހުމަކީ ނުވަތަ ހަރުކުރުމަކީ ނުވަތަ ބެހެއްޓުމަކީ ނުވަތަ ހާމަކުރުމަކީ ނުވަތަ އެފަދަ އެއްޗެއް އެތެރެ ކުރުމަކީ ކުށެކެވެ. އެކަން ކަމަށް ވަނީ އަދަބު ކަނޑައަޅާފަ އެވެ.

ނަމަވެސް ފަހަކަށް އައިސް ބައެއް މުޒާހަރާތަކުގައި ފާޅުކަން ބޮޑުކޮށް ރާއްޖޭގައި ގޭންގް ގޮތުގައި މަޝްހޫރުވެފައިވާ ބައެއް ފަރާތްތައް ބައިވެރިވެ އެކަން ފާޅުކުރަމުން ދެއެވެ.

މިދިޔަ ދުވަސްތަކުގައި މާލޭގައި ބޭއްވި މުޒާހަރާއެއްގައި ވެސް ފާޅުކަން ބޮޑު ގޮތެއްގައި ގޭންގުތަކަށް ނިސްބަތްވާ ފަރާތްތައް ބައިވެރިވި އެވެ. އޭގެވ އެއް މުޒާހާރާގައި ބައިވެރިވާނެ ކަމަށް ގޭންގުގެ ގޮތުގައި މަޝްހޫރުވެފައިވާ ބައެއް ފަރާތްތައް ނަންތަކާއެކު ފޭސްބުކް ފަދަ ސޯޝަލްނެޓްވޯކްތަކުގައި ކުރިން އިއުލާންކުރި އެވެ. އެކަންކަން އިންތިޒާމް ކުރުމުގައި އިސް ނަގަނީ ކޮން ގޭންގްތަކެއް ކަން ވެސް ކުރިން އިއުލާން ކުރަމުން ދިޔަ އެވެ.

އޭގެ ތެރޭގައި ދާދިފަހުން ޒުވާނުންގެ ނަމުގައި ބޭއްވި މުޒާހަރާއެއްގައި "ޕީސް ފުލް މާޗް" ކަޅުހެދުމުގައި ކަޅު ދިދަ ހިފައިގެން ނުކުތުމަށް ވެސް އެދިފައި ޕޯސްޓްތައް ވެސް ހިމެނެ އެވެ.

މުޒާހަރާތަކުގައި ފާޅުގައި ގޭންގްތައް ބައިވެރިވާކަން އިއުލާންކޮށް މުޒާހަރާތަކުގައި ގޭންގުތަކަށް ނިސްބަތްވާ މީހުން ބައިވެރި ވަމުންދާއިރު އެކަން ހުއްޓުވަން ހެދިފައިހުރި ގާނޫނު ތަންފީޒުވާތަނެއް ނުފެނެ އެވެ.

"ފުލުހުންނަށް ވެސް ލިބޭ އެފަދަ މައުލޫމާތުތައް އިންޓެލިޖެންސުން ބަލާނެ. އެފަދަ ފަރާތެއް ފާހަގަ ވެއްޖެނަމަ ފިޔަވަޅު އަޅާނަން،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ. ފުލުހުން ބުނި ގޮތުގައި އެފަދަ ހަރަކާތްތައް ފުލުހުންގެ އިންޓަލިޖެންސުން މޮނިޓާކުރަމުންގެންދެ އެވެ. އަދި އެކަންކަން ބެލުމަށްފަހު ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެ އެވެ.

ގޭންގުތަކުގެ އައިޑެންޓީޓީއާ ޝިޢާރު ބޭނުންކޮށްގެން މަގުމައްޗަށް ނުކުތުމަކީ ގޭންގު ވަޔަލަންސަށް އިތުރަށް ހުޅުވިގެންދާ ދޮރެކެވެ. އެފަދަ ހަރަކާތްތަކަށް އެއް ވެސް ބަޔަކަށް ވާގި ދެވިގެނެއް ނުވާނެ އެވެ. ނުފޫޒު ގަދަ ބައެއް ފަރާތްތަކުން އެކި ނަންނަމުގައި އޮޕަރޭޓް ކުރަމުންދާ ގޭންގްތައް މަގު މައްޗަށް ނުކުމެ ޝުއޫރު ފާޅު ކުރުމަކީ އިތުރު ބިރުވެރި ކަމަކާ ނުތަނަވަސް ކަމެއް އުފައްދާނެ ކަމެކެވެ.

އާ ފުލުސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ވިދާޅުވެފައި ވަނީ ފުލުހުންގެ މުއައްސަސާއަކީ ކުށްވެރިން ކުށް ކުރާ މީހުން ޖެހިލުންވާ ކުށްވެރިން ބިރުގަންނަ ތަނެއްގެ ގޮތުގައި ހަދާނެ ކަމަށެވެ. އަދި ކުއްތަކާއި ގޭންގް ވަޔަލެންސް ހިންގުން ހުއްޓުވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. ގޭންގްތައް އެކްޓިވް ފާޅުގައި މުޒާހަރާތަކާއި އެއްވުންތަކުގައި ގޭންގް ނަމުގައި އަޑު އުފުލާން ފަށާފައިވާއިރު އެކަންކަން ހުއްޓުވިގެންދާނެ ކަމަށް ވަރަށް ގިނަ ބަޔަކު ތިބީ އުންމީދުގަ އެވެ.