24 Oct 2021, 10:43
ޒުވާން އާބާދީގެ ތެރެއިން މަތީ ތައުލީމު ހާސިލްކޮށްފައިވަނީ އެންމެ 12 ޕަސެންޓު ޒުވާނުން ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މި އަހަރުގެ ޒުވާނުންގެ ދުވަހާ ގުޅިގެން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އާބާދީގެ 45 ޕަސެންޓަކީ ޒުވާނުންނެވެ. އެގޮތުން 18 އަހަރާއި 25 އަހަރާ ދެމެދުގެ އަންހެނުންގެ އާބާދީއަކީ 69،123 އެވެ. އަދި ފިރިހެނުންގެ އާބާދީ އުޅެނީ 188،092 ގައެވެ.
ޒުވާނުންގެ ތައުލީމީ ތަފާސް ހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރު ޒުވާނުންގެ އާބާދީގެ 77 ޕަސެންޓު މީހުން ވަނީ ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ހާސިލްކޮށްފައެވެ. އެހެންނަމަވެސް މަތީ ތައުލީމު ހާސިލްކޮށްފައިވަނީ އެންމެ 12 ޕަސެންޓު ޒުވާނުން ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އެ އަހަރުގެ ލިޔަންކިޔަން ދަތުމުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 99 ޕަސެންޓު އަންހެނުން ދިވެހި ބަހުން ލިޔަން ކިޔަން ދަންނައިރު 95 ޕަސެންޓު އަންހެނުން އިނގިރޭސި ބަސް ދަނެއެވެ. ފިރިހެނުން ދިވެހި ބަހުން ލިޔަން ކިޔަން ދަންނަ އާބާދީ އުޅެނީ 97 ޕަސެންޓުގައެވެ. އަދި އިނގިރޭސިބަހުން ލިޔަން ކިޔަން ދަންނަނީ 91 ޕަސެންޓު ފިރިހެނުންނެވެ.
ރާއްޖޭގައި 2019 ވަނަ އަހަރު ވަޒީފާއަކަށް ނުދާ އަދި މަތީ ތައުލީމު ހާސިލް ނުކުރާ އަންހެނުންގެ ނިސްބަތް ހުރީ 41 ޕަސެންޓުގައެވެ. އަންހެނުން އާއިލާއަށް ޓަކައި ގޭގައި މަސައްކަތް ކުރުމަކީ މީގެ އެއް ސަބަބުކަމަށް ތަފާސް ހިސާބުތަކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ފިރިހެނުންގެ މި އަދަދު ހުރީ 15 ޕަސެންޓުގައެވެ.
މީގެ އިތުރުން 2019 ވަނަ އަހަރު ވަޒީފާ ނެތް ޒުވާނުންގެ ރޭޓް ހުރީ 7.3 ޕަސެންޓުގައި ކަމަށް ވެސް ތަފާސް ހިސާބުގައި ފާހަގަކޮށްފައިވެއެވެ.