01 Mar 2012, 08:37
ގއ. ވިލިނގިލީ އެސްޓީއޯ ފިހާރައިގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާއާއި ބެހޭ ގާނޫނާއި ޚިލާފަށް ކަމަށް ވާތީ އޭނާއަށް އަލުން ވަޒީފާ ދިނުމަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމަށް ބަދަލުގެންނަން ޖެހޭނެ އެއްވެސް ތަނެއް ނެތްކަމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ.
ހައިކޯޓުން މިގޮތަށް ހުކުމް ކުރީ ވިލިނގިލީ އެސްޓީއޯ ފިހާރައިގެ ސޭލްސް ރެޕްރެޒެންޓެޓިވް މަގާމުގައި ހުރި އެރަށު ގްރީންގޭ، މުސްތަފާ މުހައްމަދު ޑިސެމްބަރު 16، 2009 ގައި ވަޒީފާއިން ވަކިކުރުމުން އޭނާ އެ މައްސަލަ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އޭނާއަށް އަލުން ވަޒީފާ ދިނުމަށް ޓްރައިބިއުނަލުން ނިންމި ނިންމުން އެސްޓީއޯ އިން އިސްތިއުނާފުކުރި މައްސަލަ ބެލުމަށްފަހު މިދިޔަ އަންގާރަ ދުވަހު އެވެ.
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން މެއި 31، 2010 ގައި ނިންމި ނިންމުމުގައި ވަނީ 2009 ވަނަ އަހަރު ވިލިނގިލީ އެސްޓީއޯ ފިހާރަ އޮޑިޓް ކުރުމަށްފަހު، ފާހަގަ ކުރެވުނު ކަންތައްތަކަށް ބަލައި އޭނާ އާއި މެދު އިސްލާހީ ފިޔަވަޅެއް އެޅުމުގެ ގޮތުން ސޭލްސް މެނޭޖަރު ގްރޭޑް އެކެއް ގެ މަގާމުން ސޭލްސް ރިޕްރެޒެންޓެޓިވް މަގާމަށް ދަށްކޮށް، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާއި ބެހޭ ގާނޫނޫގެ 23 ވަނަ މާއްދާގެ (ހ)އަދި (ށ) އާއި ޚިލާފަށް ކަމަށް އެސްޓީއޯއިން ބުނިނަމަވެސް އެސްޓީއޯއަށް އެކަން ސާބިތުކޮށް ދެވިފައިނުވާ ކަމަށެވެ.
އެހެންކަމުން އޭނާއަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި، އޭނާއަލުން ސޭލްސް ރިޕްރެޒެންޓެޓިވްގެ މަގާމުގައި ބެހެއްޓުމަށް އެސްޓީއޯގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
ހައިކޯޓުގެ ފަނޑިޔާރު އައްބާސް ޝަރީފް އާއި އަބްދުއްރައޫފް އިބްރާހިމް އަދި އަލީ ސަމީރު ސޮއިކުރައްވާ މިދިޔަ އަންގާރަ ދުވަހު ކުރެއްވި ހުކުމްގައި ބުނަނީ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ބަދަލުގެންނަން ޖެހޭ ޝަރުއީ އަދި ގާނޫނީ އެއްވެސް ސަބަބެއް ނެތްކަމަށް އެ މައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާގު ވެވިފައިވާތީ، ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކޮށް ހުކުމްކުރާ ކަމަށެވެ.