29 Feb 2012, 23:07
ގދ. ތިނަދޫ އިން މިއަދު ހަވީރު އައި ދޯނި ކޯޓް އަމުރެއްގެ ދަށުން ބަލާ ފާސްކުރީ މާރާމާރީން ހިންގާން ބޭނުން ކުރާ ބައެއް ސާމާނު ހުރި ކަމުގެ މައުލޫމާތު ލިބިގެން ކަމަށް ފުލުހުން ބުނެފި އެވެ.
"ތިނަދޫ އިންއައި ދޯނި ފުލުހުން ފާސްކުރީ ކޯޓު އަމުރެއްގެ ދަށުން. ފުލުހުން އެ ދޯނި ފާސްކުރީ އެދޯނިން މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް ސާމާނުތައް ގެނައިކަމުގެ މައުލޫމާތު ލިބިގެން،" ކޯސްޓްގާޑް ބިލްޑިން ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ދޯނިން އެއްވެސް މީހަކު ފުލުހުން ހައްޔަރުކޮށްފައި ނުވާކަމަށެވެ.
މާރާމާރީ ހިންގާ ޒާތުގެ ހަތިޔާރުތަކެއް އެ ދޯނިން ގެނައިކަމެއް ވެސް އަދި ނުގެންނަކަމެއް ވެސް އޭނާ ވިދާޅެއް ނުވެއެވެ. އެކަމަކީ ފުލުހުން މިހާރު އިތުރަށް ބަލަމުންދާ ކަމަކަށްވާތީ އެކަމާއި ބެހޭ އިތުރު ތަފްސީލު ދެވެން ނެތްކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން ލެފްޓިނެންޓް ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ ތިނަދޫ އިން އައި ދޯނި ފާސްކުރުމަށް ފުލުހުން ދިޔައިރު ބަޑި ހިފައިގެން އެތަނުގައި ސިފައިން ހަރަކާތްތެރި ވި ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.
"އެމްއެންޑީއެފް އަކުން އެ ދޯނިކައިރިއަށް ބަޑި ހިފައިގެން ނުދޭ. އެއީ ދޮގުވާހަކަތަކެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.