23 Oct 2021, 20:21
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި އިންޑިއާއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި ދެކޮޅު ހަދަމުން ދަނީ އެ ގައުމުގެ ސިފައިން ރާއްޖޭގައި ތިބުމަށް ކަމަށް އެ ކޯލިޝަން ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެއެވެ.
'އިންޑިއާ މިލްޓްރީ އައުޓް' ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވަނީ އިއްޔެ މާލޭގައި ބޮޑު ހިނގާލުމެއް ބާއްވާފައެވެ.
އެއާއެކު, އިދިކޮޅުން އިންޑިއާ ދެކޮޅަށް ރާއްޖޭގައި މަސައްކަތް ކުރާ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އެވަހާކަތަކަށް ރައްދު ދެއްވައި އަދުރޭ 'ސަން' އަށް ވިދާޅުވީ, ކޮންމެ ގައުމެއް ކަމަށްވިޔަސް އެ ގައުމެއްގެ އަސްކަރީ ސިފައިން ރާއްޖޭގައި ތިބޭނަމަ އެކަމާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންނަކީ އިންޑިއާއާ އެއްވެސް ވަރަކަށް ދެކޮޅު ބައެއް ނޫން. އިންޑިއާގެ ރައްޔިތުންނަކާއި އަޅުގަނޑުމެންނާ ދެކޮޅުވެރިކަމެއް ނެތް. ހަގީގަތުގައި އިންޑިއާއަކާއި އަޅުގަނޑުމެންނަކާ ވެސް ދެކޮޅުވެރިކަމެއް ނެތް. އަޅުގަނޑުމެން ދެކޮޅުވެގެން މިއުޅެނީ އިންޑިއާ ސަރުކާރުން މިރާއްޖޭގައި ބޭރުގެ އަސްކަރީ ސިފައިން ބެއިތިއްބުމާ," އަދުރޭ ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ އަސްކަރީ ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅުން މާލޭގައި އިއްޔެ ކުރި މުޒާހަރާގެ ތެރެއިން --- ފޮޓޯ: ޕީޕީއެމް
އިންޑިއާ އަކީ މި ސަރަހައްދުގައި އަވައްޓެރި އެންމެ ގާތް ގައުމުކަން ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ, ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ވެރިކަމެއްގައި އިންޑިއާއާ އެކު ގާތް ގުޅުމެއް ބާއްވާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފް އެއްވެސް ކަމެއް މި ގައުމުގައި ކުރަން, އިންޑިއާއަށް ވެސް ފުރުސަތު ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ހަރަކާތުގެ މަގުސަދަކީ ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާ ފަދަ ކަންކަން މި ސަރުކާރުން ކުރަމުން ގެންދާތީ އެކަންކަމާ ދެކޮޅަށް އަޑު އުފުލައި ޝުއޫރު ފާޅުކުރުން. ރާއްޖޭގައި ބޭރުގެ އަސްކަރިއްޔާއެއް އޮތުމާ ދެކޮޅު ހެދުން," އަދުރޭ ވިދާޅުވިއެވެ.
އިންޑިއާ އަސްްކަރީ ސިފައިން މި ގައުމުގައި ތިބުމާ ދެކޮޅަށް އިދިކޮޅުން އަދިވެސް ބޮޑެތި ހަރަކާތްތަކެއް ބާއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުން ބޭނުންވަނީ މި ގައުމަކީ އަމިއްލަވަންތަ މިނިވަން ގައުމެއްގެ ގޮތުގައި ބާއްވަން ކަމަށާއި އެކަމަށް ހިޔަނި އެޅޭ ހުރިހާ ކަމަކާ ދެކޮޅަށް އިދިކޮޅުން މަސައްކަތް ކުރާނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ރާއްޖެއިން ފޭބުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އެންގިނަމަވެސް އެގައުމުން އެކަމަށް އިޖާބަދީފައިނުވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.