23 Oct 2021, 18:04
ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދު ކުރުމާބެހޭގޮތުން އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަން (ޑީއީއޭ) އަދި އޮސްޓްރޭލިއާގެ އޮސްޓެރޭލިއަން ފެޑެރަލް ޕޮލިސް (އޭއެފްޕީ) ގެ ވަފްދާއެކު ނައިބު ރައީސް ފައިސަލް ނަސީމް މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާ ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ރަސްމީ ގެކޮޅު ހިލާލީ ގޭގައެވެ.
ބައްދަލުކުރެއްވުމުގައި މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަ ރާއްޖެއަށް ކުރިމަތިވެފައިވާ މިންވަރާ ބެހޭގޮތުން ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މަސްތުވާތަކެތީގެ ފަރުވާ ފުޅާ ކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ކުރިއަށްގެންގޮސް ދިވެހި މުޖުތަމައު މަސްތުގެ ވަބާއިން ސަލާމަތްކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަފްދުގެ ބޭފުޅުން ވަނީ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ބަޖެޓާއި ވަސީލަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ބޭނުންކުރުމަށާއި އެ ހިދުމަތުގެ ހިންގުމުގެ އޮނިގަނޑާއި ގާބިލިއްޔަތު އިތުރުކުރުމަށް ކުރެވެންހުރި ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މަސްތުވާތަކެއްޗާއި ދެކޮޅަށް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުން އަންނަ މަސައްކަތަށް ތައުރީފުކުރައްވާ، ދިވެހި ފުލުހުންގެ ހިދުމަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަން ޑީއީއޭ ގެ ވަފްދުގެ ބޭފުޅުން ވަނީ ހާމަކުރައްވާފައެވެ.
މީގެ އިތުރު ތަމްރީނު ފޯރުކޮށްދިނުމާއެކު އާންމުންނާއި މުއާމަލާތްކުރުމުގައި ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ އޮފިސަރުންގެ ޕްރޮފެޝަނަލިޒަމް އިތުރުކުރުމާ ބެހޭގޮތުން ވެސް ޑީއީއޭ ގެ ވަފްދުގެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.
އެބޭފުޅުން ވަނީ ހެލްތު މިނިސްޓަރާއެކު މީގެ ކުރިން ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެކެވުނު ބައެއް ވާހަކަތައް ވެސް ނައިބު ރައީސާ ހިއްސާކުރައްވާފައެވެ.
އެގޮތުން މަސްތުވާތަކެތިން މުޖުތަމައު ސަލާމަތް ކުރުމަށް އަމާޒުކޮށް ޑީ.އީ.އޭ އަދި އޭ.އެފް.ޕީން ތައްޔާރުކޮށް ބޭނުންކުރާ ބައެއް ރެފަރަންސް މެޓީރިއަލް ދިނުމުގެ އިތުރުން މިފަދަ މައްސަލަތަކުގެ ސީރިއަސްކަން ބޭރުގެ ކަމާގުޅޭ އެމްބަސީތަކަށް ފޯރުކޮށްދިނުމާއި އެތަންތަނުން މިކަންކަމުގައި ހެލްތު މިނިސްޓްރީއަށް ބޭނުންވާ އެއްބާރުލުން ހޯދުމުގައި އެހީތެރިވެދެއްވާނެކަމުގެ ޔަގީންކަން ވަފްދުގެ ބޭފުޅުން ނައިބު ރައީސަށް އެރުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވަފްދުގެ ބޭފުޅުން ވަނީ މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ހުއްޓުވުމަށް އަމާޒުކޮށް މި ސަރަހައްދުގެ ގައުމުތަކުގެ ކަމާގުޅޭ އިދާރާތަކާއެކު ގާތުން މަސައްކަތް ކުރަމުންގެންދާނެކަމުގެ ޔަގީންކަން އަރުވާފައެވެ.
އޭގެ އިތުރުން މި ސަރަހައްދުގެ ގައުމުތަކުގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ އެންމެހާ މަސައްކަތްތަކުގައި އެ ދެ އިދާރާގެ ބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ވިދާޅުވިއެވެ.
ނައިބު ރައީސް ވަނީ ވަފްދުގައި ހިމެނިވަޑައިގަންނަވާ ޑީ.އީ.އޭ އަދި އޭ.އެފް.ޕީގެ ފަރާތުން މެދުއިރުމައްޗާއި އޭޝިއާގެ ސަރަހައްދުގެ ގައުމުތަކުގައި މަސްތުވާތަކެތި ހުއްޓުވުމަށް މަސައްކަތްކުރާ ގުޅުންހުރި އެންމެހާ އިދާރާތަކަށް ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވާފައެވެ.
އެ މަނިކުފާނު ވަނީ މި ސަރުކާރުގެ އެންމެހާ ސިޔާސަތުތައް ބައްޓަންކުރެވިފައިވަނީ މަސްތުވާތަކެތީގެ ވަބާއިން ސަލާމްތަކުރުމާއި އެކަމުގެ ވިޔަފާރި ހުއްޓުވުމާއި ފަރުވާ ދިނުމާއި އަނބުރާ މުޖުތަމައަށް ފައިދާހުރި ބައެއްގެ ގޮތުގައި ގެނައުމަށް ކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި އެ ވަފްދުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން އަދި ފުލުހުންގެ ބައެއް އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.