ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނެވި ބްރިގޭޑިއާ ޖެނެރަލް ފަރުޙަތު ޝަހީރު ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން މިއަދު ރިޓަޔަރ ކުރައްވައިފި އެވެ.

ބްރިގޭޑިއާ ޖެނެރަލް ފަރުޙަތު ޝަހީރަކީ ސިފައިންގެ ޚިދުމަތުގައި، ސިފައިންގެ ކުރިއެރުމަށާއި ތަރައްޤީއަށް އަގުހުރި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ޚާއްޞަ ގޮތެއްގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނަވައިގެން ފާހަގަކުރެވޭ މުހިންމު ޚިދުމަތްތަކެއް އޭނާ ވަނީ ކޮށްދެއްވާފަ އެވެ.

ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި 30 އަހަރު ހޭދަކުރައްވާފައިވާ ބްރިގޭޑިއާ ޖެނެރަލް ފަރުޙަތު ޝަހީރު ސިފައިންގެ ޚިދުމަތުން ރިޓަޔާ ކުރެއްވުމަށް އެދިވަޑައިގަތުމާ ގުޅިގެން، ސިފައިންގެ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ވަނީ އެކަން ޤަބޫލުފުޅުކުރައްވާފަ އެވެ.

ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު ސިފައިންގެ ޚިދުމަތުގައި ހުންނަވައިގެން ކުރައްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވާ ކަމަށް ވިދާޅުވެ، ސިފައިންގެ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފަ އެވެ.