23 Oct 2021, 17:18
ޖެނީވާ (އޮކްޓޯބަރު 23) : ކޮވިޑް-19 ގެ ވަބާއާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން ގާތްގަނޑަކަށް އެއްލައްކައަށްވުރެ ގިނަ ސިއްހީ ޚިދުމަތްތެރިން (ޑޮކްޓަރުންނާއި ނަރުހުންނާއި ޕެރަމެޑިކްސް ހިމެނޭގޮތަށް) މަރުވެފައި ވާނެކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ލަފާ ކޮށްފިއެވެ.
އެޖަމްއިއްޔާއިން ނެރުނު ބަޔާނެއް ބުނާގޮތުން ދުނިޔޭގެ އެކިގައުމުތަކުގައި ޑޮކްޓަރުންނާއި ނަރުހުންނާއި ލެބޯޓްރީގެ ޚިދުމަތްތެރިންނާއި އެނޫންވެސް ޕެރަމެޑިކްސް އިން ހިމެނޭގޮތަށް 135 މިލިއަނަށްވުރެ ގިނަ މީހުން ސިއްހަތާބެހޭ ދާއިރާގައި މަސައްކަތް ކުރަމުން ގެންދެއެވެ. މީގެތެރެއިން އެއްލައްކައާއި އެއްލައްކަ އައްޑިހަ ހާހާ ދެމެދު އަދެއްގެ ސިއްހީ ޚިދުމަތްތެރިން ކޮވިޑް ބަލީގައި މަރުވެފައިވާކަން ތަފާސް ހިސާބުތައް ތަހުލީލު ކުރުމުން އެނގޭކަމުގައެވެ.
އަނެއްކޮޅުން ސިއްހީ ޚިދުމަތްތެރިންގެ ތެރެއިން އެތައް މިލިއަން ބަޔަކު އަދިވެސް ވަނީ ކޮވިޑް ވެކްސިން އިން މަހުރޫމް ވެފައެވެ. މިކަން މިހެންވަނީ ކޮވިޑް ވެކްސިން މޮނޮޕޮލީ ކުރަމުން ގެންދާ މުއްސަނދި ގައުމުތަކާއި ވެކްސިން އުފައްދާ ގައުމުތަކުން އެހެން ގައުމުތަކުގެ ހާލަތާ އަޅާނުލައި އަމިއްލަ އެދުން ކުރިޔަށް ނެރޭތީ ކަމަށާ މި ޖަރީމާގެ ޒިންމާ އެގައުމުތަކުން އުފުލަންޖެހޭނެކަމަށްވެސް "ޑަބްލިޔުއެޗްއޯ" ގެ ބަޔާން ބުނެއެވެ. ނަމަވެސް އެއީ ކޮން ގައުމުތަކެއްކަން ފާހަގަ ކޮށްފައެއް ނުވެއެވެ.
"ޑަބްލިޔުއެޗްއޯ" ގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދުނިޔޭގެ ގައުމުތަކުގައި ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުމުގެ ފުރުސަތު މިހާތަނަށް ލިބިފައިވަނީ ސިއްހީ ޚިދުމަތްތެރިންގެ ކޮންމެ 5 މީހެއްގެ ތެރެއިން 2 މީހުންނަށެވެ. އަނެއް ތިން މީހުންނަށް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ. އެހެންކަމުން އެހެންމީހުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ސިއްހީ ޚިދުމަތްތެރިންގެ ގިނަ ބަޔަކު އަދިވެސް މަސައްކަތްކުރަނީ ކޮވިޑް ވެކްސިންގެ ރައްކާތެރިކަން ނުލިބިއެވެ.
ސިއްހީ ޚިދުމަތްތެރިންނަށް ބަލާއިރު މުއްސަނދި ގައުމުތަކާއި ވެކްސިން އުފައްދާ ގައުމުތަކުގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިންގެ ތެރެއިން ގާތްގަނޑަކަށް 85 އިންސައްތަ މީހުން ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައެވެ. ނަމަވެސް އެފްރިކާގެ ގިނަ ގައުމުތަކުގައި ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިފައިވަނީ ސިއްހީ ޚިދުމަތްތެރިންގެ ތެރެއިން ގާތްގަނޑަކަށް 20 އިންސައްތަ މީހުންނަށެވެ.
މުއްސަނދި ނޫންނަމަވެސް ތަންކޮޅެއް ހާލަތު ރަނގަނޅު ގައުމުތަކުގައި ސިއްހީ ޚިދުމަތްތެރިންގެ ގާތްގަނޑަކަށް 20 އިންސައްތަ އާއި 40 އިންސައްތަ މީހުން ކޮވިޑް ގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާކަމަށް ތަފާސް ހިސާބުތަކާބެހޭ ރިޕޯޓްތައް ބުނެއެވެ.
ޑަބްލިޔުއެޗްއޯއިން ގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ދުނިޔޭގެ އާބާދީގެ މަދުވެގެން 40 އިންސައްތަ މީހުންނަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް ދެވެތޯ ބެލުންކަމަށް އެޖަމްއިއްޔާގެ ޑިރެކްޓާރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރިއޭސުސް ވަނީ ވިދާޅުވެފައެވެ.