23 Oct 2021, 13:43
މިހާރު ކުރިއަށްދާ ވޯލްޑް އެކްސްޕޯ، "އެކްސްޕޯ 2020 ދުބާއީ"ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މާދަމާ ދުބާއީއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވަނީ "ސަން"އަށް އެކަން ކަށަވަރު ކޮށްދެއްވާފައެވެ.
މާދަމާ ރައީސް ސޯލިހު ވޯލްޑް އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށް ވަޑައިގަންނަވާއިރު، އެ އެކްސްޕޯގެ ބައިވެރިއެއްގެ ހައިސިއްޔަތުން ރާއްޖޭގެ 'އޮނާ ޑޭ'ގެ ގޮތުގައި ފާހަގަ ކުރަން ހާއްސަކޮށްފައިވާ ދުވަހަކީ އޭގެ ޖެހިގެން އަންނަ، އޮކްޓޫބަރު 25 ވަނަ ދުވަހެވެ.
އެ ދުވަހު ރާއްޖޭގެ އޮނާ ޑޭ ފާހަގަ ކުރަން ހާއްސަ ހަފުލާއެއްގެ އިތުރުން މުޅި އެކްސްޕޯގެ ސައިޓުގައި ރާއްޖޭގެ ސަގާފީ ހަރަކާތްތައް ދައްކާލާނެއެވެ.
ވޯލްޑް އެކްސްޕޯއަކީ ގައުމުތަކުގެ ސަރުކާރުތަކާއި ބޮޑެތި ކުންފުނިތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކާ އާންމުން ގުޅުވައިލައި، ދިރާސަތަކާއި އިނޮވޭޝަން މެދުވެރިކޮށް ދުނިޔެއަށާއި އާބާދީތަކަށް އިންގިލާބީ ހެޔޮ ބަދަލެއް ގެނައުމަށް ޓަކައި 1851 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު އެކްސްޕޯއެވެ.

އެކްސްޕޯ 2020 ދުބާއީ--
މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ އެކްސްޕޯގައި 200 އަށްވުރެ ގިނަ ގައުމުތަކުން ބައިވެރިވާނެއެވެ.
ކޮންމެ ފަސް އަހަރުން އެއް އަހަރު ބާއްވާ ވޯލްޑް އެކްސްޕޯގައި ރާއްޖެއިން ބައިވެރިވި މިއީ ހަތަރު ވަނަ ފަހަރެވެ.
މި އަހަރުގެ އެކްސްޕޯއަށް ދުވާލަކު ތިން ލައްކަ މީހުން އަދި މުޅި ޖުމްލަ 25 މިލިއަނަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރާނެ ކަމަށް، އެކްސްޕޯއާ ގުޅޭ ތަފާސްހިސާބުތަކުން ދައްކައެވެ.