ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މާދަމާ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ރިޔާސީ ބަޔާން އިއްވިޔަ ނުދިނުމަށް އެމްޑީޕީން މަޖިލިސް ތެރޭގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން މިރޭ ނިންމައިފި އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ރައީސް ހިންވަރު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް މުހައްމަދު ސާލިހު ( އިބޫ) މިރޭ ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޕާލަމެންޓް ގްރޫޕޫން ރައީސް ވަހީދަށް މަޖިލިސް ތެރޭގައި ހުރަސްއަޅަން ނިންމި ނަމަވެސް ހުރަސް އަޅުއްވާނެ ވަކިގޮތެއް ނުނިންމާ ކަމަށާއި ވަގުތާއި ހާލާތާއި ގުޅޭގޮތުން ހުރަސް އަޅުއްވަން ޖެހުނު ކޮންމެ ގޮތަކަށް ވެސް އެކަން ކުރަށްވާނެ ކަމަށެވެ.

"ރައީސް ވަހީދު މާދަމާ މަޖިލިހަށް ވަޑައިގެން ރިޔާސީ ބަޔާން އިއްވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރާނަން. ދެން ކުރާނެ ކަންތައްތަކެއް އޭގެ ތަފްސީލަކަށް އަޅުގަނޑުމެން ނުދަން. މަޖިލިސް ތެރޭގައި އަޅުގަނޑުމެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އެމްޑީޕީގެ މެންބަރުންގެ ތެރެއިން މާލޭގައި ތިއްބެވި ހުރިހާ މެންބަރުން މާދަމާ ޖަލްސާއަށް ވަޑައިގަންނަވާނެ ކަމަށާއި ރާއްޖޭން ބޭރުގައި އުޅުއްވާ ތިނެއް ނުވަތަ ހަތަރު މެންބަރަކު މާދަމާ ޖަލްސާއަށް ވަޑައިނުގަންނަވާފާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ ތެރެއިން މެންބަރުންނަށް ލިބިފައިވާ ހައްގުގެ ފުރިހަމަ ބޭނުން މާދަމާ ކުރައްވާނެ ކަމަށާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއްދާނަމަ އެކަންކަން ހުއްޓުވުމަށް މަޖިލީހުގެ ރިޔާސަތުން މަސައްކަތް ކުރައްވާ ނަންއިއްވާ ފަރާތެއްގެ ނަންއިއްވުމަކީ ކުރިންވެސް ކުރަމުން އަންނަ ކަންތައް ކަމަށާއި އެގޮތުގެ މަތިން ރިޔާސަތުން އެކަން ކުރެއްވުން އެއީ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"މަޖިލިހުގެ ޖަލްސާއެއްގެ ތެރޭގައި ނަން އިއްވަން ޖެހިއްޖެނަމަ އެހާލަތެއްގައި ނަން އިއްވަން ޖެހޭނެ ރިޔާސަތުގައި އިންނަވާ ބޭފުޅަކު. އެހެންވީމަ އެކަންތައްތައް އެހީސާބައް ދިޔައީމަ ރިޔާސަތުން ކުރަށްވާނެ. އެއީ ދެން މައްސަލަ އެއްނޫން އަޅުގަނޑުމެންނަކަށް. އަޅުގަނޑުމެން މިތިބީ އެކަމާ ކުރިމަތިލައިގެން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ މާދަމާގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓް ގްރޫޕްގެ ވިސްނުމަކީ މަޖިލީހުގެ ގަވާއިދުން ބޭރުނުވެ ރިޔާސީ ބަޔާން އިއްވުމާއި ދެކޮޅަށް ކުރެވެން ހުރި މަސައްކަތްތަށް މަޖިލިހުގެ ތެރެއިން ކުރުން ކަމަށެވެ.

އެމްޑީޕީން މީގެކުރިން ވެސް ބުނެފައިވަނީ ރިޔާސީ އިންތިހާބު ބާއްވާނެ ތާރީހެއް ސަރުކާރުން ކަނޑަނާޅާނަމަ މަޖިލިސްތެރޭގައި ސަރުކާރުން ކުރާ އެއްވެސްކަމަކަށް އެއްބާރުލުން ނުދީ އެކަންކަމަށް ހުރަސް އަޅުއްވާނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ މެދުގައި ކުރިއަށްދާ މަޝްރާތަކުން އިންތިހާބެއް ބާއްވާނެ ތާރީހަކަށް އެއްބަސްވުމަކަށް ނާދެވި މިއަދު ބޭއްވި ސުލްހައިގެ ވާހަކަތަކުގެ ހަ ވަނަ ބައްދަލުވުން ނިންމުމާއި ގުޅިގެން އެމްޑީޕީންވަނީ މަޖިލިހުގައި ރައީސް ވަހީދުގެ ރިޔާސީ ބަޔާނަށް ހުރަސްއެޅުމަށް ފާސްކޮށްފަ އެވެ.

އައްޑޫ ސިޓީގެ ހިތަދޫގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ގާނޫނީ ހައިސިއްޔަތެއް ނެތް ރައީސަކު ރައްޔިތުންގެ މަޖިލިސް ހުޅުއްވާ ދެއްވުމަކީ އެ ތަން ތަޣައްޔަރުވުން ކަމަށާއި އެކަމުން މަޖިލިސް ސަލާމަތްކުރުމަށް ނުކުންނަންޖެހޭ ކަމަށެވެ.