އަވަސް އިންތިހާބަކަށް ގޮވާލައި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ]އެމްޑީޕީ[ އިން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއް މިއަދު ހަވީރު ވެސް ބާއްވައިފި އެވެ.

ގިނަ އަދަދެއްގެ ވެހިކަލްތަކާ އެކު މިއަދު ހަވީރު ލޮނުޒިޔާރަތްކޮޅުން ފެށި ވެހިކަލް ބުރުގެ ބައިވެރިން ގޮވަމުން ދިޔައީ އަވަސް ރިޔާސީ އިންތިހާބެއް ބޭއްވުމަށާއި އަނިޔާ ނުކުރުމަށާއި އިންސާފުގާއިމްކޮށްދިނުމަށެވެ.

އެމްޑީޕީގެ ދިދަތަކާއި އެކިއެކި ޝިއާރުތައް ލިޔެފައިވާ ބޯޑްތަކާ އެކު ލޮނުޒިޔާރަތް ކޮޅުން އަމީނީމަގުން ފެށި ވެހިކަލްބުރު އަމީނީމަގުން ހުޅަނގަށް ދިއުމަށް ފަހު މަޖީދީމަގުން ގޮސް ބޮޑުތަކުރުފާނު މަގަށް ނުކުމެގެން ގޮސް ނިންމާލީ ފެށި ހިސާބަށެވެ.

ވެހިކަލް ބުރު އެތަނަށް އައި އިރު ސުނާމީބިނާއާ ދިމާ ބޭރުގައި އެމްޑީޕީގެ ސަޕޯޓަރުންނާ އެކު މާލެ އައި ދޯންޏެއް ކޯސްޓްގާޑުން ހިފަހައްޓައިގެން އުޅޭތީ އެކަމާ އިހުތިޖާޖު ކުރުމަށް ފަހު، އެދޯނި ހުޅަނގު ދެކުނު ބަނދަރަށް ދިއުމުން ވެހިކަލްބުރުގެ ބައިވެރިން ވެސް ދިޔައީ އެ އެދިމާ އަށެވެ.

ގއ. އަތޮޅުން އައި އެ ދޯނީގެ ކެޕްޓަން ބުނީ ދޯނީގައި ހަތިޔާރު ހުރިކަމަށް ބެލެވޭ ކަމަށް ބުނެ ދޯނި ފާސްކުރަން ސިފައިން އެދުމުން އެކަމާ ދެކޮޅު ނުހަދާ ކަމަށާއި އެހެން ނަމަވެސް ސިފައިން އެދެމުން ދިޔައީ ދޫނިދުއަށް ދިއުމަށް ކަމަށެވެ. އެހެން ނަމަވެސް އެކަމަށް އިޖާބަ ނުދީ އައިސް ހުޅަނގު ބަނދަރަށް ވަނީ ކަމަށް ވެސް އޭނާ ބުންޏެވެ.
ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވަޑައިނުގަތުމަށް އެމްޑީޕީގެ މިއަދުގެ ވެހިކަލް ބުރުގައި ގޮވި އެވެ.