22 Oct 2021, 17:33
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ މާލެ ވަޑައިގެންފިއެވެ.
ރައީސްގެ ދަތުރުފުޅުގައި އއ. އަތޮޅުގެ ތޮއްޑުއާއި ރަސްދޫގެ އިތުރުން އުކުޅަހާއި މަތިވެރި އަދި ބޮޑުފޮޅުދޫއާއި ހިމަންދޫއަށް ވަޑައިގެންނެވިއެވެ. އަދި ރައީސް ޒިޔާރަތް ކުރެއްވި ހުރިހާ ރަށްރަށެއްގެ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާ ބައްދަލުކުރެއްވިއެވެ.
ރައީސްގެ ދަތުރުފުޅުގައި ތޮއްޑޫ ދަނޑުވެރިންނާއި ގެސްޓްހައުސް ހިންގާ މީހުންނާ ބައްދަލުކުރެއްވިއެވެ. އަދި ދަނޑުވެރިންނަށް ބޭނުންވާ ، ޑިއުޓީއަކާ ނުލައި ދަނޑުވެރިންނަށް ފޯރުކޮށްދޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ހަމައެއާއެކު އުކުޅަހު ރައްޔިތުންނާ ބައްދަލު ކުރައްވަމުން ރައީސް ވަނީ ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެ އިތުރުން، ރަސްދޫ ކައުންސިލާ ބައްދަލު ކުރައްވައި ރައީސް ވަނީ ސަރުކާރުގެ ވައުދުތަކާ އެއްގޮތަށް ފަށައިފައިވާ ހުރިހާ މަޝްރޫއެއް ކުރިއަށް އޮތް ދެ އަހަރު ތެރޭ ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ސޯލިހު ރާއްޖޭގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުތަކުގައި އެންމެ ފަހުން ވަޑައިގަތީ ށ. އަދި ރ. އަތޮޅުގެ ރަށްރަށަށެވެ.
މިދިޔަ މަހުގެ ކުރީކޮޅު ރައީސް ކުރެއްވި އެ ދަތުރުފުޅުގައި ށ. އަތޮޅުން ވަޑައިގަންނެވީ ފުނަދޫ، ޅައިމަގު އަދި ފޯކައިދޫ އާއި މާއުނގޫދޫއަށެވެ. އަދި ރ. އަތޮޅުން ވާދޫ އާއި އަލިފުށީގެ އިތުރުން ރަސްގަތީމާއި އަނގޮޅީތީމަށް ރައީސް ވަޑައިގަންނެވިއެވެ.