22 Oct 2021, 10:36
"ސަން ތަރި"ގެ ނަމުގައި ސިޔާމް ވޯލްޑް މޯލްޑިވްސްއިން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި 19 ޒުވާނުން ދަސްވެނިވެއްޖެއެވެ.
ސިޔާމް ވޯލްޑުގައި ރޭ ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެ ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސަން ސިޔާމް ގްރޫޕުގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު، އަހްމަދު ސިޔާމް މުހައްމަދުއެވެ.

އެޕްރެންޓިސްޝިޕް ފުރިހަމަ ކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ-- ސަން ފޮޓޯ/ އައިމަން
އެ ޕްރޮގްރާމުގައި ބައިވެރިން ތަމްރީން ފުރިހަމަކުރީ މި މަހުގެ 28 ވަނަ ދުވަހު ހުޅުވާ ސިޔާމް ވޯލްޑް މޯލްޑިވްސްގައެވެ.
ތިން މަސް ދުވަހުގެ އެޕްރެންޓިސްޝިޕްއަކީ ސަން ތަރި ޕްރޮގްރާމުގެ ފުރިހަމަ މަރުހަލާއެވެ. ދެވަނަ މަރުހަލާއަކީ ސިޔާމް ވޯލްޑްގެ ވަޒީފާގައި ތިން މަސް ދުވަހު ޕްރޮބޭޝަން މުއްދަތެއް ފުރިހަމަ ކުރުމެވެ. އެ ދެ މަރުހަލާ ފުރިހަމަ ކުރުމުން ސިޔާމް ވޯލްޑުން ދާއިމީ ވަޒީފާ ލިބޭނެއެވެ.
އެ ޕްރޮގްރާމުގައި މުޅި އެކު ކިޔަވައިދެނީ 24 މޮޑިއުލްއެވެ. އެއީ 60 ގަޑިއިރުގެ ކްލާސްރޫމް ސްޓަޑީޒް ނުވަތަ ތިއަރީ ސެޝަންތަކާއި 528 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވާ ޕްރެކްޓިކަލް ސެޝަންތަކެވެ.
ކިޔަވައިދިން މޮޑިއުލްތަކުގެ ތެރޭގައި ރާއްޖޭގެ ސަގާފަތާއި ރިސޯޓު ދިރިއުޅުމާއި ފްރަންޓް އޮފީސް، އެފްއެންބީ، ހައުސްކީޕިން އަދި ސޭލްސް، ޕީއާރު އެންޑް މާކެޓިންއާ ގުޅޭ މޮޑިއުލްތައް ހިމެނެއެވެ.
މިރޭ ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ސިޔާމް ވޯލްޑްގެ އައިލެންޑް ޗީފް ޓޮމް ވިދާޅުވީ އެ ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ އެމްޑީ ސިޔާމްގެ ތަސައްވަރާ އެއްގޮތަށް، ބިދޭސީންގެ ބަދަލުގައި ދިވެހިންނަށް މި ދާއިރާއިން ފުރުސަތު ދިނުން ކަމަށެވެ.
އެގޮތުން މުވައްޒަފުންގެ ތެރެއިން ދިވެހިން ނިސްބަތް، 70 ޕަސެންޓަށް އަރަން ވަރަށް ގާތްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާމް ވޯލްޑްގެ އައިލެންޑް ޗީފް ޓޮމް-- ސަން ފޮޓޯ/ އައިމަން
އެ ޕްރޮގްރާމުގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ކޮންސަލްޓެންޓް އިނާޒު ވިދާޅުވީ، މިއީ މި ޕްރޮގްރާމުގެ ފެށުން ކަމަށާއި އަމާޒަކީ މިއީ އެކްރެޑިޓް ކުރެވޭ ޕްރޮގްރާމަކަށް ހެދުން ކަމަށެވެ.
ސަން ތަރި ޕްރޮގްރާމުގެ ފުރަތަމަ ބެޗުގައި 19 ޒުވާނުން ދަސްވެނިވެފައިވާއިރު، 25 ޒުވާނަކަށް އެ ޕްރޮގްރާމުގެ ދެވަނަ ބެޗުން ވަނީ ފުރުސަތު ދީފައެވެ.