29 Feb 2012, 20:13
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ މާދަމާ މަޖިލީހުގައި ރިޔާސީ ބަޔާން ދެއްވާ ގަޑީގައި މާލޭގެ 15 ސަރަހައްދެއް ދުވާ އެއްޗިއްސައް ނުވަދެވޭ ގޮތަށް ބަންދުކުރަން ފުލުހުން ނިންމާ އެކަން މިރޭ އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ އެ ސަރަހައްދުތައް ބަންދުކުރަނީ ފުލުހުންގެ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ފުލުހުންނަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށެވެ.
http://www.sun.mv/albums/live_4385.jpg
އެ މާއްދާގައި ބުނަނީ މި މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅެއް އެޅުމަކާ ނުލައި ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅިދާނެ ކަމަށް ގަބޫލު ކުރެވޭނަމަ ނުވަތަ އެއްވެސް މަގެއް ނުވަތަ ސަރަހައްދެއްގައި ގާނޫނާ ހިލާފު އަމަލެއް ހިންގާނަމަ ނުވަތަ ހިންގާފާނެ ކަމަށް ގަބޫލު ކުރެވޭ ނަމަ އެ މަގެއް ނުވަތަ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށް ފުލުހުން ކަނޑައަޅާ ގޮތެއްގެ މަތިން މެނުވީ އެއްވެސް މީހަކު ނުވަތަ ބަޔަކު އެ މަގަށް ނުވަތަ އެ ސަރަހައްދަށް ނުވަނުމަށް އެނގުމުގެ ބާރު ފުލުހުންނަށް ލިބިގެންވާ ކަމަށެވެ.
އެގޮތުން ބަންދުކުރަނީ ބޮޑުތަކުރުފާނު މަގު އެމްއެމްއޭ ހިސާބުން ފެށިގެން ބެންކް އޮފްމޯލްޑިވްސް މެއިން ބްރާންޗާއި ހަމައަށެވެ. އަދި އޯކިޑުމަގު ކޮލިގޭ ޢުމަރުމަނިކު ގޯޅި ގުޅުނު ހިސާބު ވެސް ބަންދުކުރާނެ އެވެ. ދިރާގު ލައިޓް ކައިރިން މެދުޒިޔާރަތް މަގު ޗާންދަނީ މަގާއި ގުޅުނު ހިސާބު ބަންދުކުރާއިރު ލިލީމަގުގެ ޗާންދަނީ މަގާ ހިސާބުވެ ބަންދުކުރާނެ އެވެ.
އަދި ރައްދެބައި މަގު ޝީސާ ގުޅުނު ގޯޅި ބަންދުކުރާއިރު އަދި ލިލީމަގާއި ޑޭޒީ މަގާ ގުޅުނު ހިސާބު ބަންދުކުރެ އެވެ. ދެން ބަންދު ކުރަނީ އަލިކިލެގެފާނު މަގުން ކަޅުހުރާމަގު ގުޅޭ ހިސާބާއި ކަޅުހުރާ މަގުން ހަދީބީ މަގާ ގުޅުނު ހިސާބާއި ކަރަންކާމަގު ހިތަށްފިނިވާމަގާ ގުޅުނު ހިސާބެވެ. އަދި ސޯޝަންމަގުން ރޯސަނީ މަގާއި އަމީރު އަހުމަދު މަގު ގުޅޭ ހިސާބު ބަންދުކުރާއިރު އަމީރު އަޙްމަދުމަގު ނާދީ ގޯޅި ގުޅުނު ހިސާބާއި ބޮޑުތަކުރުފާނު މަގު ނާދީ ގޯޅި ގުޅުނު ހިސާބެވެ. އަދި ގުޅޭނޫރަންމަގު އަބަދަށްފެހި މަގާ ގުޅުނު ހިސާބުގައިވެސް ދުއްވާ އެއްޗިހި ދުއްވުން މަނާވާނެ އެވެ.
ރައީސް ރިޔާސީ ބަޔާން ރައްޔިތުން މަޖިލިސްކުރާ ގޭގައި އިއްވަވާނީ މާދަމާ 10:00 ޖަހާއިރު އެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން މިރޭ ކޯސްޓް ގާޑް ބިލްޑިން ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވީ މާދަމާ ކުރެވޭ އިހުތިޖާޖްތަކުގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ފުލުހުންގެ ސަފުތަށް ފަޅާލުމަށްފަހު ވަދެގަންނަ މީހުންނާއި މެދު ގާނޫނީ ފިޔަވަޅު ފުލުހުން އަޅާނެ ކަމަށެވެ.
އަދި ފުލުހުންނާއި ސިފައިން ވަނީ މާދަމާ ކުރާ އިހުތިޖާޖުތަކުގައި އަމަންއަމާންކަން ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސް ވެސް ކޮށްފައެވެ.
އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން ލެފްޓިނެންޓް ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ މާދަމާ ސަލާމަތީ ކަންތައްތައް ފުލުހުން ބަލަހައްޓާއިރު އެމްއެންޑީއެފް އިން ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.
ރައީސް ޑރ. ވަހީދު މާދަމާ ރިޔާސީ ބަޔާން އިއްވާއިރު މަޖިލީހުގެ މެންބަރުން އެކަމަށް ހުރަސް އަޅައިފިނަމަ ސިފައިން އެކަން ހުއްޓުވާނެތޯ ދެންނެވުމުން އޭނާ ވިދާޅުވީ ސިފައިން އަމަލު ކުރާނީ ޖަލްސާގެ ރިޔާސަތުން ސިފައިންނަށް އަންގާގޮތެއްގެ މަތިން ކަމަށެވެ.