29 Feb 2012, 19:45
ސިޔާސީ ޕާޓީތަކުގެ މެދުގައި އެއްވެސް ކަމެއްގައި އެއްބަސްވުމަކަށް ނާދެވި މިއަދު ބޭއްވި ސުލްހައިގެ ވާހަކަތަކުގެ ހަ ވަނަ ބައްދަލުވުން ވެސް ނިންމާލަން ޖެހިއްޖެ އެވެ. މިއަދު ވެސް އޮއްޓަރެއް ފައިދާ ނުވެ ނިންމާލަން ޖެހުނު އިރު ރޭ ބޭއްވި މަޝްވަރާތަކުން ނުކުންނަން ޖެހުނީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ރަންޖަން މަތާއީ ބައިވެރިވެ ވަޑައިގަތުމުން އެ ހޫނުވެގެނެވެ.
މިއަދު ހަވީރު 4:00 ޖެހިއިރު ވެލާނާގޭގައި ފެށި ބައްދަލުވުން ނިންމާލެއްވުމަށް ފަހު ނޫސްވެރިންނަށް ވާހަކަ ދައްކަވަމުން ވިލަރެސް ވެރިޔާ، އަހުމަދު މުޖުތަބާ ވިދާޅުވީ މިއަދު މުޅިންވެސް މަޝްވަރާ ކުރީ އެޖެންޑާ އައިޓަމްތައް ތަރުތީބު ކުރާނެ ގޮތަކާ މެދު ކަމަށާއި އެކަމަކު އެ އައިޓަމްތަކުގެ ސެންސިޓިވް ކަމުން ޕާޓީތަކަށް އެއްބަސްވުމަކަށް ނާދެވުނު ކަމަށެވެ.
"ހުރިހާ ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެން އެކި އޯޑަރަށް އެކި ބޭފުޅުން ވިދާޅުވަނީ. އެހެންވެ އެ އިޝޫސްތަކުގެ ސެންސިޓިވްކަމުން ތަރުތީބަށް އަދި އެއްބަހެއް ނުވެވޭ، " މުޖުތަބާ ވިދާޅުވި އެވެ.
ބައްދަލުވުމަށްފަހު ވެލާނާގޭގައި ހުންނަވާ ރައީސްގެ ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާ ވިދާޅުވީ މާދަމާ މަޖިލިސް ހުޅުވުމަށްފަހު ވެސް ވާހަކަތައް ކުރިއަށްދާނެ ކަމަށާއި އުސޫލެއްގެ ގޮތުން ހުރިހާ ޕާޓީތަކުން ވެސް އެކަމަށް އެއްބަސްވި ކަމަށެވެ.
"ގައުމުގެ އިންޓަރެސްޓުގައި ގައުމަށް ގޮތްތަކެއް ނިންމައިގެން ކުރިއަށްދާން ހުރިހާ ބޭފުޅުން ވެސް މަސައްކަތްޕުޅު ކުރެއްވީ،" އާދިލް ވިދާޅުވި އެވެ.
މަޝްވަރާތަކުގައި މިއަދު ރައީސް ޑރ. މުހަންމަދު ވަހީދުވެސް ކުޑައިރުކޮޅަކަށް ބައިވެރިވެ ވަޑައިގަތެވެ.
ހުރިހާ ޕާޓީތަކުން ވެސް މިއަދުގެ ބައްދަލުވުމުގައި ބައިވެރިވިއިރު އެމްޑީޕީގެ ފަރާތުން ބައިވެރިވި އެ ޕާޓީގެ ޕީޖީގެ ރައީސް މުހަންމަދު އިމާދު ސޯލިހު (އިބޫ) ބައްދަލުވުމަށް ފަހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން 2012ގައި އިންތިހާބެއް ބާއްވަން ފެންނަކަމަށް ނިންމައިފިނަމަ އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ވިދާޅުވި ކަމަށާއި އެމްޑީޕީން މަޝްވަރާތަކުގައި އަދިވެސް ބައިވެރިވާނެ ކަމަށެވެ.
މިއަދުގެ ބައްދަލުވުން ނިމުނީ އިރުއިއޮއްސި 6:30 ހާކަށް ހާއިރު އެވެ. ދެން މަޝްވަރާތަކެއް އޮންނާނެ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.