21 Oct 2021, 15:00
ކުޑަކުއްޖަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ބަލަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީގެ މަރަދޫ ފޭދޫގައި ކުޑަކުއްޖަކަށް ފުލުހުން އަނިޔާ ކުރިކަމަށް ތުހުމަތުކޮށް، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެހެންކަމުން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން އެކަން ހިނގާފައިވާ ގޮތާ ގުޅޭ މައުލޫމާތު ސާފު ކުރަމުންދާކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މީގެ އިތުރުން، މި މައްސަލައިގައި ފުލުހުން އަމަލުކުރަން ޖެހޭ އުސޫލުތަކާ ހިލާފަށް އަމަލު ކޮށްފައި ވާނަކަމަށް ތުހުމަތު ކުރެވިއްޖެނަމަ ފުރިހަމަ ތަހުގީގެއް ހިންގައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަނަށް ފުލުހުން ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެނިގެން ދަނީ ފުލުހުން އަނިޔާކުރި ކަމަށް ފިރިހެން ކުއްޖަކު ބުނާ މަންޒަރެވެ. އެގޮތުން އޭނާގެ ބޯ ފާރުގައި ޖަހައި، ފުރަގަހަށް ބިޑި އެޅުވި ކަމަށް އެކުއްޖާ ތުހުމަތުކުރެއެވެ.
އެކުއްޖާ އެ ވާހަކަތައް ދެއްކި އިރު ކައިރީގައި ފުލުހުން ތިބި މަންޒަރު ވީޑިއޯއިން ފެނެއެވެ.