21 Oct 2021, 13:42
ސަރުކާރާއި ކައުންސިލްތަކާ ދެމެދުގައި ގުޅުން ބަދަހިވުމުގެ ސަބަބުން ސަރުކާރުން ރަށްރަށުގައި ހިންގާ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިޔަށް ގެންގޮސް، އަވަހަށް ނިންމާލުމަށް މަގުފަހިވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުކުޅަހު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ އެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ސަރުކާރުން އުކުޅަހުގައި ހިންގުމަށް ރާވާފައިވާ ބައެއް މަޝްރޫއުތަކުގެ މައުލޫމާތު ކައުންސިލާ ހިއްސާކުރައްވާފައެވެ. އަދި، ގްރީން ޓެކްސް ދިނުމުގައި ރަށްރަށަށް ވަކި އިންސައްތައެއް ދީގެން މަސައްކަތްކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަމަށާއި ކައުންސިލުން ހުށަހެޅި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރެއްވުމަށްފަހު ރަނގަޅުގޮތެއް ނިންމަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެމީހުންގެ މަސައްކަތްތައް ފުޅާކުރުމުގައި އިތުރު ތަމްރީނުތަކާއި އެހީތެރިކަން ބޭނުންވާކަން ރައީސްގެ ސަމާލުކަމަށް ގެންނަވާފައެވެ.
ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސަކަތްކުރާ ކޮމީޓީން ހުށަހެޅުއްވި ކަންތަކުގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ މެދުވެރިކޮށް ޓްރެއިނިން ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ކުރިއެރުމަށާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ބޭނުންވާ ކަންކަމުގެ މައުލޫމާތު ރައީސްއާ ހިއްސާކުރައްވާފައެވެ.
އެގޮތުން ކައުންސިލުން ފާހަގަކޮށްފައި ވަނީ ރަށް ބެލެހެއްޓުމުގެ ކަންކަން ކައުންސިލަށް އޮންނަ އިރު އިދާރީ ކަންކަން ބެލެހެއްޓުމުގައި ދިމާވާ މާލީ ގޮންޖެހުންތައް ވަރަށް ގިނަކަމަށާއި، ރަށުގެ އާބާދީގެ އިތުރުން ރަށަކީ ފަތުރުވެރިން އަންނަ ރަށަކަށްވުމުން ހިދުމަތް ދޭންޖެހޭ މީހުންގެ އަދަދު އިތުރުވެފައި ވުމާއެކު، އެކަންކަން ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ލުއި ގޮތްތަކެއް ހޯދުން މުހިންމުކަމުގައެވެ.
އެގޮތުން ރަށަށް އަންނަ ފަތުރުވެރިންގެ އަތުން ނަގާ ގްރީން ޓެކްސްގެ ވަކި މިންވަރެއް ކައުންސިލަށް ދިނުމަށް ފަހު މިފަދަ ހިދުމަތްތައް ދިނުމުގައި ބޭނުން ކުރެވޭނެ ގޮތެއް ފަހިކޮށްދިނުމަކީ މިކަމަށް އޮތް ހައްލެއްކަމުގައި ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ވެސް ކައުންސިލުން ވަނީ މީގެ އަހަރުތަކެއް ކުރިން ކޯޕަރޭޓިވް ސޮސައިޓީއާ މިފްކޯއާ ގުޅިގެން އުކުޅަހުގައި ހިންގާ މިފްކޯ އުކުޅަސްކިޔާ ކުންފުންޏަކާ ގުޅިގެން ރައްޔިތުންގެ އަދި ކައުންސިލުގެ ހުރި ކަންބޮޑުވުންތައް ރައީސް އާ ހިއްސާކޮށްފައެވެ.
އުކުޅަހު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ އެކު ބޭއްވެވި މި ބައްދަލުކުރެއްވުމަށްފަހު، ރައީސް ވަނީ އުކުޅަހު ހެލްތު ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވާލައްވާފައެވެ. އެއަށްފަހު އެމަނިކުފާނު ވަނީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އުކުޅަހަށް މިކުރައްވާ ދަތުރުފުޅަކީ އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް މިހާރު ކުރައްވަމުން ދެންދަވާ ދެ ދުވަހުގެ ދަތުރުފުޅުގެ ތިންވަނަ މަންޒިލެވެ.
އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.