29 Feb 2012, 18:27
ރިސޯޓްޓަކާއި އެނޫން ޓޫރިސްޓް ހިދުމަތްދޭ ތަންތަން ބަލާ ފާސް ކުރުމަށްފަހު ގޯސްކޮށް ހުރިކަންކަން އިސްލާ ކުރުމަށް ޓޫރިޒަމް މިނިސްޓްރީން އަންގައިފި އެވެ.
އިންސްޕެކްޝަންގެ ދަށުން ބަލައި ފާސް ކުރި ތަނުން ފާހަގަ ކުރެވި އިސްލާ ހުކުރަން މުއްދަތުން ކަންކަމުގެ ތެރޭގައި ކާބޯތަކެތީގެ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ހަރުދަނާ ކުރުމާއި އާލިފާނުގެ ހާދިސާތަކަށް ރައްކާތެރިވުމުގެ ފިޔަވަޅުތަކާއި ކުނި ނައްތާލުމާއި ތިމާވެށީގެ ކަންކަމާއި މުވައްޒަފުންގެ ހިދުމަތްތަކާއި އެކޮމަޑޭޝަންގެ ކަންކަން ހިމެނެ އެވެ.
ބަލާ ފާސް ކުރި ތަންތަނާބެހޭ ތަފުސީލާއި އަދި ރަނގަޅު ކުރަން ދިން މުއްދަތުގެ ތަފުސީލެއް ވެސް މިނިސްޓްރީން ބުނެފައެއް ނުވެއެވެ.
ޓޫރިޒަމް ހިދުމަތްދޭ ތަންތަނުގެ ހިދުމަތުގެ މިންގަނޑު ގަވައިދާ އެއްގޮތަށް ހުރިތޯ ބެލުމަށް ކުރާ އިންސްޕެކްޝަންގެ ދަށުން ޖުމްލަ 94 ޓޫރިސްޓް ފެސިލިޓީޒް މިއަހަރުގެ ފެބުރުއަރީގެ ނިޔަލަށް ބަލައި ފާސްކުރި އެވެ. އެއީ 26 ރިސޯޓަކާއި އަށް ގެސްޓް ހައުސް އާއި ނުވަ ސަފާރީ އާއި ހޮޓަލަކާއި 27 ޑައިވް ސްކޫލާއި 23 ޓްރެވަލް އެޖެންސީއާއެކެވެ.
މިދިއަ އަހަރު 73 ރިސޯޓަކާއި 12 ހޮޓަލަކާއި 27 ގެސްޓް ހައުސް އާއި 46 ސަފާރީ އާއި 56 ޑައިވް ސްކޫލާއި 127 ޓްރެވަލް އެޖެންސީ ބަލައި ފާސް ކުރި އެވެ.