19:00


ހުކުރު ހުތުބާ ނުބަލާ ކިޔާ ގޮތަށް ބައެއް ފާރާތްތަކަށް ދީފައިވާ ހުއްދަ ބާތިލްކޮށް، ނުބަލާ ހުތުބާ ކިޔުން ވަގުތީ ގޮތުން އިސްލާމިކް މިނިސްޓްރީން މެދުކަނޑާލައިފި އެވެ.


އިއްޔެގެ ހުކުރު ހުތުބާގައި، ޤައުމުގެ މިހާރު މަޝްރަހް އޮތް ގޮތާ ބެހޭ ގޮތުން ނަސޭހަތްތެރިވެފައިވާތީވެ ނުބަލާ ހުތުބާ ކިއުމަށް ބައެއް ފަރާތްތަކަށް ދީފައިވާ ހުއްދަ ބާތިލްކޮށްފައިވާ ކަމަށް އިދިކޮޅު ބައެއް ފާރާތްތަކުން ތުހުމަތުކުރުމާ ގުޅިގެން އެކަން ދޮގު ކުރައްވައި، އިސްލާމިކް މިނިސްޓަރުގެ ނައިބު އަހުމަދު ފާރޫޤް މިއަދު ވިދާޅުވީ އެ ހުއްދަ ބާތިލްކުރުމުގައި މިހާރު ރާއްޖެ އަށް އައިސްފައިވާ ސިޔާސީ ހަލަބޮލިކަމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އެގޮތަށް ހަމަޖެއްސެވީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާ ބެހޭ ގަވާއިދުގެ ދަށުން ދީނީ ނަސޭހަތްތައް ދިނުމާ ބެހޭ ކަންތައް ތަކަށް ހުއްދަ ދޭނީ އެ ގަވާއިދުގެ ދަށުން އުފައްދަންޖެހޭ ބޯޑެއްގެ ދަށުން ކަމުގައިވާތީ، ވީހާވެސް ހަމަހަމަ ގޮތެއްގައި އެފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އަދި ކުރިން ހުއްދަ ލިބުނު ފަރާތްތަކުން ވެސް ޖެހޭނީ އަލުން އެކަމަށް އެދި ހުށަހަޅަން ކަމަށް ވެސް ފާރޫގް ވިދާޅުވި އެވެ.


އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެއްގައި ވާހަކަ ދައްކަވަމުން ޑީއާރުޕީގެ ޒުވާނުންގެ ގޮފީގެ ރައީސް އަހުމަދު މަހްލޫފް ވިދާޅުވީ ޣައިރު ޤާނޫނީ ގޮތުން މިސަރުކާރުން ކުރަމުންދާ ކަންތައްތަކަށް އިއްޔެގެ ހުތުބާގައި ނަސޭހަތްތެރިވެފައިވާތީވެ އެކަމާ މި ސަރުކާރުން ހިތްހަމަނުޖެހިގެން، ނުބަލާ ހުތުބާ ކިއުމަށް ދީފައިވާ ހުއްދަ ބާތިލްކޮށްފައިވާ ކަމަށެވެ.


އެ ބައްދަލުވުމުގައި މި ސަރުކާރުގެ ސިޔާސަތަށާއި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޅުވިދާޅުވެ، ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އިލްހާމް އަހުމަދު ވިދާޅުވީ އިއްޔެގެ ހުކުރު ހުތުބާގައި ދެކެވުނު ވާހަކަތަކާ މެދު ހިތްހަމަނުޖެހިގެން މިސަރުކާރުން މިހާރު ކޮންމެ ހުކުރު ދުވަހެއްގެ ހުތުބާ ނެރުމަށް ހަމަޖައްސާފައި ވަނީ މުލިޔާގޭން އެޕްރޫވްކުރުމަށްފަހު ކަމަށެވެ.


ނަމަވެސް އެ ވާހަކަތައް ދޮގުކުރައްވާ ފާރޫގް މިއަދު ވިދާޅުވީ ނުބަލާ ހުތުބާ ކިއުމުގެ ފުރުސަތު އަލުން ދެންދެން ހުކުރު ހުތުބާ ކިޔާނީ އިސްލާމިކް މިނިސްޓްރީން ތައްޔާރުކޮށް އެޕްރޫވްކުރާ ނުވަތަ އެ މިނިސްޓްރީން ހުއްދަދޭ ފަރާތްތަކުން ތައްޔާރުކުރާ ހުތުބާ ކަމަށެވެ.