ކޮލަމްބޯ (ފެބްރުއަރީ 29) : ސްރީލަންކާގެ ފައިސާގެ އަގު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެވެ. މިގޮތުން ސްރީލަންކާގެ ރުޕީގެ އަގު އިއްޔެވަނީ އެމެރިކާ ޑޮލަރަކަށް 123 ރުޕީއަށް ދަށަށް ގޮސްފައެވެ.

މިކަމުގެ ސަބަބުން ސްރީލަންކާގެ މާލީ ނިޒާމަށާއި ވިޔަފާރިތަކަށާއި ބޭންކްތަކަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ. ސްރީލަންކާގެ މަރުކަޒީ ބޭންކުންބުނީ މީގެކުރިން މިހާވަރަށް ރުޕީގެ އަގު ދަށަށް ގޮސްފައި ނުވާ ކަމަށާ ނަމަވެސް ބޭންކްތައް މެދުވެރިކޮށް ޑޮލަރު ވިއްކުން އިއްޔެއިންފެށިގެން ވަރަށް ބޮޑަށް އިތުރުކޮށް ރުޕީގެ އަގު ހިފެހެއްޓުމަށް އެޅި ކުއްލި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ރުޕީގެ އަގު އިތުރަށް ދަށަށް ދިޔަނުދީ ހިފެހެއްޓިފައިވާ ކަމުގައެވެ.

މިއަދު ރުޕީގެ އަގުހުރީ އިއްޔެ އަގުވެއްޓުނުއިރު ހުރި މިންވަރަށްވުރެ ކުޑަތަންކޮޅެއް މަތީގައެވެ. އެއީ އެމެރިކާ ޑޮލަރަކަށް 121 ރުޕީ ގެ ރޭޓް ގައެވެ. ސްރީލަންކާގެ ފައިސާގެ އަގު ކުއްލިއަކަށް މިހާދަށަށް ވެއްޓުނީ ޑޮލަރަކަށް 50 އާއި 60 ރުޕީގެ ރޭޓެއްގައި އޮތުމަށްފަހުގައެވެ. ރުޕީގެ އަގުވެއްޓުމުގެ ފަހަތުގައިވަނީ ސްރީލަންކާގެ ބޭރު ދަރަނި ތައް އާދަޔާ ޚިލާފަށް ބޮޑުވެ އިންވެސްޓަރުންގެ ކަންބޮޑުވުންތައްވެސް އިތުރުވުމާ ގުޅިގެންނެވެ.

ސްރީލަންކާގެ ރުޕީގެ އަގު ވެއްޓިދާނެކަމުގެ ބިރުހީވެފައިވާކަމަށް އިޤްތިސާދީ ތަޖްރިބާކާރުން ވިދާޅުވަމުން ގެންދަވާތާ ދުވަސްތަކެއް ވެފައިވެއެވެ. ތަޖްރިބާކާރުން މިކަމުގެ އިންޒާރު ދެއްވަނީ ބޭރުފައިސާ ލިބުން ދަތިވެފައިވާ މައްސަލައަށް ރިޢާޔަތްކުރައްވައިގެންނެވެ.

ސްރީލަންކާއަށް ބޭރުފައިސާ ލިބުން ދަތިވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ޤައުމުގެ ބޭރުގެ ދަރަނި ވަރަށް ބޮޑުވެ ބޭރުފައިސާއިން ދަރަނި އަދާކުރަން ޖެހުމާއެކު ގައުމުން ބޭރުގައި ވަޒީފާ އަދާކުރާ ސްރީލަންކާ ރައްޔިތުން ޤައުމަށް ފޮނުވާ ބޭރުފައިސާއިންނާއި ޓޫރިޒަމުންނާއި ބޭރުފައިސާ ލިބޭ އެހެންވެސް ވަސީލަތްތަކުން ޤައުމަށް ބޭނުންވާ މިންވަރަށް ބޭރުފައިސާ ނުލިބޭތީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސްރީ ލަންކާގެ ދިގުލީ އަހްލީ ހަނގުރާމަ ނިމުމަށްފަހު ގައުމުގެ އިގްތިސާދީ ދުވެލި ބާރުވުމާއެކު ބޭރުފައިސާ ޚަރަދުކޮށްގެން އިމްޕޯޓްކުރާ މުދަލުގެ މިންވަރުވަނީ އާދަޔާ ޚިލާފަށް މައްޗަށް ގޮސްފައެވެ. 2010 ވަނަ އަހަރު، ސްރީ ލަންކާގެ ބޭރު ދަރަނި 5.2 ބިލިއަން ޑޮލަރުގައި ހުރި ނަމަވެސް ތަރައްޤީއަށް ނަގަމުންދާ ލޯންތަކާ ގުޅިގެންނާއި އެނޫން ބައެއް ސަބަބުތަކާވެސް ގުޅިގެން ޤައުމުގެ ބޭރުދަރަނީގެ މިންވަރު 2011 ގައި ވަނީ 9.74 ބިލިއަން ޑޮލަރަށް މައްޗަށް ގޮސްފައެވެ. -- ނޫސްއެޖެންސީތައް