21 Oct 2021, 09:01
ސަރުކާރުގެ ވައުދުތަކާ އެއްގޮތަށް ފަށައިފައިވާ ހުރިހާ މަޝްރޫއެއް ކުރިއަށް އޮތް ދެ އަހަރު ތެރޭ ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އއ. އަތޮޅަށް މިހާރު އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ރަސްދޫއަށް ވަޑައިގެން، އެ ރަށު ކަައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލު ކުރެއްވުމުގައި އެ މަނިކުފާނު ވަނީ ލޯކަލް ގަވާންމެންޓް އޮތޯރިޓީ މެދުވެރިކޮށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ބޭނުންވާ ފަންނީ ލަފާ ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ވަނީ ރަށުގެ ތަރައްގީއަށް ރާވައިފައިވާ ކަންކަމުގެ އެންމެ ފަހުގެ މައުލޫމާތު ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާ ކުރައްވާފައެވެ.
މިގޮތުން، އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދިޔުމަށް ނިންމައިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ރަސްދޫ ރައްޔިތުންނަށް ވެސް ކޮންމެވެސް ވަރެއްގެ ހައްލެއް، ވަގުތީ ގޮތުން ވިޔަސް ލިބޭނެ ކަމަށާއި، ދިގު ރާސްތާއަށް ވިސްނައިގެން މިކަމަށް ދާއިމީ ހައްލެއް ހޯއްދެވުމަަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށަށް ބޭނުންވާ ކަންކަމުގެ މައުލޫމާތު ރައީސްއާ ހިއްސާ ކުރައްވައިފައެވެ.
އެގޮތުން ރަށުގެ ބިން ފުރިފައިވުމުން ރައްޔިތުންނަށް ދިމާވާ ބޯހިޔާވަހިކަމުގެ ދަތިކަމާއި، ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ބޭނުންވާކަމާއި، ރަސްދޫގައި ފަށާ މަޝްރޫއުތައް ނުނިމި ލަސްވާތީ ހުރި ކަންބޮޑުވުންތަކާއި، ރަށުގެ ޔުޓިލީޓީޒްގެ ހިދުމަތް ލިބުމުގައި ހުރި ގޮންޖެހުންތައް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ ފަރާތުން ވަނީ ރަށުގެ ބޭރު ތޮށި ހަލާކުވެފައިވުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، ކުޅިވަރު ފެސިލިޓީތައް މަދުވުމުން ހުރި ކަންބޮޑުވުންތަކާއި މިނިސްޓްރީތަކާއި ކައުންސިލާ ދޭތެރޭ އޮންނަ އިދާރީ ގުޅުން ހީނަރުވުމުގެ ސަބަބުން ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.
ރަސްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އަލަށް މިފަދަ ކޮމިޓީއެއްގެ މަސައްކަތް ކުރިއަށްދާއިރު ކަމާގުޅޭ ފަރާތްތަކުގެ ފަންނީ ލަފައާއި އިރުޝާދު ބޭނުންވާކަން ރައީސްގެ ސަމާލުކަމަށް ގެންނަވާފައެވެ.
މި ބައްދަލު ކުރެއްވުމުގައި ކައުންސިލުން ވަނީ ރައްޔިތުންގެ ޝުއޫރާއި ކަންބޮޑުވުންތައް ގާތުން އަޑުއައްސަވަން ރަސްދޫއަށް ވަޑައިގެންނެވީތީ ރައީސުލްޖުމްހޫރިއްޔާއަށް ކައުންސިލްގެ ފަރާތުން ޝުކުރު އަދާކުރައްވައިފައެވެ.
ރަސްދޫ ކަައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު، ރައީސް ވަނީ އަރިއަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި އެތަނުގެ ހާލަތު ބައްލަވައިލައްވައިފައެވެ.
މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ރަސްދޫގައި ގިރާ ސަރަޙައްދަށް ވަޑައިގެން އެތަން ވެސް ބައްލަވައިލައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ރަސްދޫއަށް މި ކުރެއްވި ދަތުރުފުޅަކީ އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް އެ މަނިކުފާނު މިހާރު ފައްޓަވައިފައިވާ ދެ ދުވަހުގެ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ.
އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.