ތަހުޒީބީ ވިސްނުމެއްގައި ދިރުންތަކުގެ ހިމާޔަތުގައި ދިވެހިން މަސައްކަތްކުރުމަށް އެންވައިރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ގޮވައިލައިފިއެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް "ސަން"އަށް ވިދާޅުވީ ދޫނިތައް ހިޖުރަ ކުރަނީ ދިރިއުޅުމަށް ޓަކައި ކުރަން ޖެހޭ މުހިންމު ކަންކަން ކުރުމަށް ޓަކައިކަމަށެވެ. އަދި އެ ދަތުރުގެ ތެރޭ އެއަށް ގޯނާ ކުރާނަމަ އެއީ އޭގެ ދަރިފަސްކޮޅު ދެމިގެން ދިއުމަށް އެޅޭނެ ހުރަހެެއް ކަމަށް ވިދާޅުވިއެވެ.

"އެެހެންވީމާ އެކަން ހުއްޓުވުމަށް ޓަކައި އދ. ގެ ބައިނަލްއަގްވާމީ ކޮންވެންޝަނެއްގައި ބައިވެރިވެގެން އަޅުގަނޑުމެން މި ތިބީ. އެއީ، ކޮންވެންޝަން އޮން މައިގްރޭޓަރީ ސްޕީޝީޒް. ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ގައުމުތަކަށް ކުރަން މަޖުބޫރުކަމެއް މިއީ،" ނައީމް ވިދާޅުވިއެވެ.

އެއާއެކު އޭނާ ވިދާޅުވީ މިއަދު ވެސް ބައެއް މީހުންގެ އަމަލުތަކާއި ވިސްނުން ނާތަހުޒީބީ ގޮތަކަށް ހުންނަ ކަމަށެވެ. އަދި އެއީ އެ މީހުން އެ ފަދަ އަމަލުތައް ހިންގަން މެދުވެރިވާ ސަބަބުކަމަށެވެ.

"މިހާރު ތަހުޒީބުވެފައި އޮތް ދުނިޔެއެއްގައި މަސައްކަތް މި ކުރަނީ އިންސާނުންނަށް ހެދޭ ގޯސްތަކުގެ ސަބަބުން ދިރުންތަކަށް އޮތް ނުރައްކަލުން އެ ދިރުންތައް ސަލާމަތްކުރަން. ނެތި ފަނާވެ ދިޔުން ހުއްޓުވަން. ހަމަ އެ ބުނަނީ ފްލެމިންގޯ ފަދަ ތަކެއްޗަކީ ރާއްޖޭގައި އުޅޭ ތަކެއްޗެއް ނޫނޭ. އެ ހިފަހައްޓާ ބިސް އަޅުވަން ޖެހޭ މިތާ އާލާ ކުރަން، އެކަމަކު މިތީ އެ ނޫޅޭނީ އެއަށް ބޭނުންވާ މުހިންމު ވަސީލަތްތައް މި ރާއްޖޭގައި ނެތީމާ ނޫންތޯ،" ނައީމް ވިދާޅުވިއެވެ.

އެއާއެކު އޭނާ ވަނީ ދިރުންތަކަށް ގޯނާވާނެ އަމަލެއް ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ރާއްޖެއަށް ހިޖުރަކުރާ ދޫނިތަކުގެ ތެރެއިން ފްލެމިންގޯ ހިފުމުގެ މައްސަލައާ ގުޅިގެން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ މި ދުވަސްވަރާ ދިމާކޮށް ރާއްޖެއަށް ހިޖުރަ ކުރާ ދޫނި ސޫފާސޫތްޕަށް ގޯނާކުރާކަމުގެ އެކި މައްސަލަތައް އީޕީއޭއަށް ހުށަހަޅަމުން އަންނަކަމަށެވެ. އަދި އެކަމުގައި އާންމުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށް ނައީމް ވިދާޅުވިއެވެ.

"ހަމަ ކިތަންމެ ކުޑަ މައްސަލައެއް ފާހަގަވިޔަސް މައުލޫމާތު ފޯރުކޮށްދެމުން އެބަ އާދޭ. ދެން ފާހަގަ ކުރަންޖެހޭ މި ފަދަ ދޫނި ސޫފާސޫފި ހިފާ އެ ތަކެއްޗަށް ގޯނާކޮށް އޭގެ ނާޖާއިޒް މަންފާ ހޯދުމަށް މަސައްކަތްކުރަމުން އެބަ ދޭ،" ނައީމް ވިދާޅުވިއެެވެ.

ނައީމް ވިދާޅުވީ މި ގޮތަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަހުގީގުކުރުމަށް ޓަކައި އެ ރަށެއްގައި ހުންނަ ކައުންސިލަށް އަންގަމުން އަންނަކަމަށެވެ. އަދި ފުލުހުންނާ ގުޅިގެން މަސައްކަތްކުރަމުން އަންނަކަމަށެވެ. އެގޮތުން މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ ބަޔާން ނަގައި ފިޔަވަޅު އަޅާނެކަމަށް ނައީމް ވިދާޅުވިއެވެ.